ޑިޕާޗަރ ޓެކުހާއި އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ އާމްދަނީ 6.8 އިންސައްތަ އިތުރުވެއްޖެ

މިދިޔަ އޮކްޓޫބަރު މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް ޑިޕާޗަރ ޓެކުހާއި އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި ދައުލަތަށް 3.32 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 6.8 އިންސައްތަ އިތުރުވުމެއް ކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ "ވީކްލީ ފިސްކަލް ޑިވެލޮޕްމެންޓް" ރިޕޯޓުގައިވާ ގޮތުން، މިދިޔަ އަހަރުގެ މި މުއްދަތުގައި މި ދެ ގޮތުން ދައުލަތަށް ލިބިފައިވަނީ 3.11 ބިލިޔަން ރުފިޔާއެވެ.

އެގޮތުން، މި އަހަރުގެ މި މުއްދަތުގައި ޑިޕާޗަރ ޓެކުހުގެ ގޮތުގައި ދައުލަތަށް 1.64 ބިލިޔަން ރުފިޔާ ލިބިފައިވެއެވެ. މިއީ މިދިޔަ އަހަރު މި މުއްދަތުގައި ލިބުނު 1.54 ބިލިޔަން ރުފިޔާއަށްވުރެ 6.4 އިންސައްތަ ގިނަ އަދަދެކެވެ.

އަދި އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި މި މުއްދަތުގައި ލިބިފައިވަނީ 1.68 ބިލިޔަން ރުފިޔާއެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި އެ ފީގެ ގޮތުގައި ލިބިފައިވަނީ 1.56 ބިލިޔަން ރުފިޔާ ކަމަށްވާއިރު، މިއީ 7.6 އިންސައްތަ އިތުރުވުމެކެވެ.

އެއާޕޯޓް ޑިވެލޮޕްމަންޓް ފީއަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ރާއްޖެއިން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ނަގާ ފީއެކެވެ. މި ފީ ނަގަން ފެށީ 2017 ވަނަ އަހަރުގެ މެއި މަހުގެ 1 ވަނަ ދުވަހުންނެވެ. ޑިޕާޗަރ ޓެކުސް ނަގަން ފަށާފައިވަނީ 2022 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހުންނެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް