ހުޅުލޭގެ ބިން ރަހުނުކޮށް ލޯނު ނެގުމުން އެމްއޭސީއެލްގެ ދަރަނި 16.64 ބިލިއަން

މިދިޔަ އަހަރުގެ އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ހުޅުލޭ ބިމުގެ ލީސްހޯލްޑް ހައްގުތައް ރަހުނުކޮށް ބޮޑެތި ލޯނުތަކެއް ނަގާފައިވާތީ، އެ ކުންފުނީގެ ޖުމްލަ ދަރަނި 16.64 ބިލިއަން ރުފިޔާއަށް އަރައިފިއެވެ.

އޮޑިޓް ރިޕޯޓުގައިވާ ގޮތުން، މިފަދަ ބޮޑު ބަދަލެއް އައިސްފައިވަނީ އެއާޕޯޓުގެ އުމްރާނީ ވަސީލަތްތައް ތަރައްގީކުރުމަށް ނަގާފައިވާ ބޮޑެތި ލޯނުތަކާއި، ސަރުކާރުގެ ބިން ހިއްކުމުގެ ޤައުމީ ފެންވަރުގެ އެއްބަސްވުންތައް އެމްއޭސީއެލްގެ ދަށަށް ބަދަލުކުރުމާ ގުޅިގެންނެވެ.

އާ ޕެސެންޖާ ޓާމިނަލާއި، އާ ރަންވޭ އަދި ފިއުލް ފާމް ފަދަ ބިޔަ މަޝްރޫއުތަކަށް ބޭރުގެ މާލީ އިދާރާތަކުން ނަގާފައިވާ ލޯނުތަކުގެ މައިގަނޑު ގެރެންޓީއެއްގެ ގޮތުގައި ހުށަހަޅާފައިވަނީ ހުޅުލޭގެ ބިން ކުއްޔަށް ހިފުމުގެ ހައްގުތަކާއި، އެ ބިމުގައި މިހާރު ހުރި އަދި ކުރިއަށް ބިނާކުރާނެ އިމާރާތްތަކާއި ވަސީލަތްތަކެވެ. ސަރުކާރުގެ ގްރާންޓެއްގެ ގޮތުގައި ކުންފުނީގެ ހިސާބުތަކުގައި ހިމަނާފައިވާ ހުޅުލޭގެ ބިން ބޭނުންކުރުމުގެ ހައްގުގެ އަގު އެކަނިވެސް 7 ބިލިއަން ރުފިޔާއަށް ވުރެ މައްޗަށް އަރާއިރު، މުޅި ހުޅުލޭގެ ގިނަ ސަރަހައްދުތަކެއް ވިޔަފާރި އުސޫލުން އެކި ފަރާތްތަކަށް ކުއްޔަށް ދޫކޮށްފައިވެއެވެ. މި ލޯނުތަކަށް ފިނޭންސް މިނިސްޓްރީ މެދުވެރިކޮށް ދައުލަތުގެ ސޮވަރިން ގެރެންޓީވެސް ފޯރުކޮށްދީފައިވެއެވެ.

އެމްއޭސީއެލްގެ ޕްރޮޕަޓީ، ޕްލާންޓް އެންޑް އިކުއިޕްމަންޓް (ޕީޕީއީ) އާއި ނުނިމި ހުރި މަޝްރޫއުތަކުގެ އަގު 20.37 ބިލިއަން ރުފިޔާއިން 23.6 ބިލިއަން ރުފިޔާއަށް އިތުރުވެފައިވާއިރު، މިއީ އެ ކުންފުނީގެ ޖުމްލަ ހަރުމުދަލުގެ 59 އިންސައްތައާއި 65 އިންސައްތައާ ދެމެދުގެ ބޮޑު ނިސްބަތެކެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް