މިއަހަރުގެ މާރިޗު މަހު މެދުއިރުމަތީގައި ހިނގަމުންދިޔަ ހަނގުރާމައާ ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމަށް އަސަރުތަކެއް ކުރި ނަމަވެސް، ނިމިދިޔަ އޮކްޓޫބަރު މަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ކުރީ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު އިތުރުވެފައިވާ ކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އެގޮތުން ނިމިދިޔަ އޮކްޓޫބަރު މަހު ރާއްޖެއަށް 194,039 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މިއީ 2025 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ރާއްޖެއަށް އައި 192,398 ފަތުރުވެރިންނާ އަޅާބަލާއިރު 0.9 އިންސައްތައިގެ ކުރިއެރުމެކެވެ. މިއާއެކު އަހަރުގެ ފުރަތަމަ 10 މަސްދުވަހުގެ ތެރޭގައި ރާއްޖެއަށް ވަނީ ޖުމްލަ 1,797,060 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިހާރު އެވްރެޖުކޮށް ދުވާލަކު 6,000 އެއްހާ ފަތުރުވެރިން ރާއްޖެއަށް އާދެއެވެ.
އެންމެ ގިނައިން ފަތުރުވެރިން އައި 5 ގައުމު (ފުރަތަމަ 10 މަސް):
-
ޗައިނާ: 331,817 ފަތުރުވެރިން
-
ރަޝިއާ: 256,822 ފަތުރުވެރިން
-
އިނގިރޭސިވިލާތް: 135,897 ފަތުރުވެރިން
-
ޖަރުމަނުވިލާތް: 119,589 ފަތުރުވެރިން
-
އިޓަލީވިލާތް: 105,485 ފަތުރުވެރިން
ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން، ރާއްޖެއަށް އައި ފަތުރުވެރިންގެ ތެރެއިން އެންމެ ގިނަ މީހުން ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓުތަކުގައެވެ. އެއީ ޖުމްލަ ފަތުރުވެރިންގެ 74 އިންސައްތައެވެ. ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ގެސްޓްހައުސްތަކުގައި ޗުއްޓީ ހޭދަކޮށްފައިވާއިރު، އެއީ 21.6 އިންސައްތަ ފަތުރުވެރިންނެވެ.





