ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) -- ފޮޓޯ: ރާއްޖެ ޓައިމްސް

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް (އެސްއެމްއީ) ބީއެމްއެލް ޕޭމަންޓް ގޭޓްވޭގެ ޚިދުމަތަށް އެދި ހުށަހެޅުމުގެ ފުރުސަތު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހުޅުވާލައިފިއެވެ.

މި ޚިދުމަތާއެކު ބައިނަލްއަޤުވާމީ ބާޒާރުގައި މުދަލާއި ޚިދުމަތް ވިއްކާ ދިވެހި އުފެއްދުންތެރިންނާއި، ކުދި ވިޔަފާރިތަކަށް ދުނިޔޭގެ ކޮންމެ ތަނަކުންވެސް ޑޮލަރުން ފައިސާ ބަލައިގަނެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެއެވެ. އަދި މިގޮތަށް ލިބޭ ޑޮލަރު ޖަމާކުރާ އެކައުންޓަށް ދޫކުރެވޭ ޔޫއެސްޑީ ޑެބިޓް ކާޑު ބޭނުންކޮށްގެން، އެކި ބާވަތުގެ ސަބްސްކްރިޕްޝަންތަކަށާއި ބައިނަލްއަޤުވާމީ މުއާމަލާތްތަކަށް ދަތިކަމެއް ނެތި ފައިސާ ދެއްކޭނެ ކަމަށް ބީއެމްއެލްއިން މައުލޫމާތުދެއެވެ.

މި ޚިދުމަތަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާނީ ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) ގެ ޕޯޓަލް މެދުވެރިކޮށެވެ. ބީސީސީ މެދުވެރިކޮށް ރިފަރަލް ލިބުމުން، ބޭންކުން އެ ވިޔަފާރިއަކާ ގުޅައިގެން ލިޔެކިޔުންތައް ހޯދުމާއި ރަޖިސްޓްރީ ކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސް، ކަސްޓަމަރުގެ އެކައުންޓާއި ޕޭމަންޓް ގޭޓްވޭ ލިންކް ކޮށްދޭނެއެވެ.

މިއީ އިޤުތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާބެހޭ ވުޒާރާއާއި ބީސީސީއާ ގުޅިގެން ކުރިއަށްގެންދާ މަސައްކަތެކެވެ. މި ޚިދުމަތުގެ މައިގަނޑު މަޤުސަދަކީ ބޭރުގެ ކަސްޓަމަރުންގެ ފަރާތުން ދިވެހި ކުދި ވިޔަފާރިތަކަށް ސީދާ ބޭރުފައިސާ (ޑޮލަރު) ލިބޭނެ މަގު ފަހިކޮށްދިނުމެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް