ކުޑަހުވަދޫ އެއާޕޯޓް

ދ. ކުޑަހުވަދޫގައި އަމިއްލަ ކުންފުނި މަންތާ އެއާއިން ހިންގަމުންދާ އެއާޕޯޓަށް ޤައުމީ އެއާލައިން، މޯލްޑިވިއަންގެ ޝެޑިއުލް ދަތުރުތައް ފެށުމަށް ނިންމައިފިއެވެ.

ކުޑަހުވަދޫ ކައުންސިލުން މައުލޫމާތު ދޭ ގޮތުގައި، މި ދަތުރުތައް ފެށުމަށްޓަކައި މޯލްޑިވިއަންގެ ވެބްސައިޓުގެ މަންޒިލްތަކުގެ ލިސްޓަށް މިހާރު ވަނީ ކުޑަހުވަދޫ އިތުރުކޮށްފައެވެ. އަދި މި މަހުގެ 13 އާއި 17 އާ ދެމެދުގެ ތާރީޚެއްގައި ޝެޑިއުލް ދަތުރުތައް ފެށޭނެ ކަމުގެ ޔަގީންކަން އެ އެއާލައިނުން ވަނީ ދީފައެވެ.

މޯލްޑިވިއަންއާއެކު މަޝްވަރާކުރަން ފެށީ މަންތާ އެއާގެ ޝެޑިއުލް ދަތުރުތައް މަދުވެ، އާންމުންނަށް ދަތުރުކުރުމުގައި ދަތިތަކާ ކުރިމަތިވުމާ ގުޅިގެންނެވެ. މީގެ ކުރިން ހަމައެކަނި މަންތާ އެއާއިން ދަތުރުކުރި މި އެއާޕޯޓަށް މޯލްޑިވިއަންއިން މި ފަހުން ދިޔައީ ޗާޓަރު ދަތުރުތަކެއް ކުރަމުންނެވެ.

ކުޑަހުވަދޫ އެއާޕޯޓަކީ ދާލު އަތޮޅުގެ ރިސޯޓުތަކަށް ފަތުރުވެރިން އުފުލުމަށާއި، މާލެއާއި އަތޮޅާ ދެމެދު ދަތުރުކުރާ އާންމުންނަށް ވަރަށް މުހިންމު އެއާޕޯޓެކެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް