މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ ޑިރެކްޓަރުންގެ ބޯޑުގައި އާންމު ހިއްސާދާރުން ތަމްސީލުކުރާ ދެ ޑިރެކްޓަރުންގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އެ ކުންފުނިން އާންމުކޮށް ހުޅުވާލައިފިއެވެ.
އެމްޓީސީސީގެ ހިންގާ ގަވާއިދުގެ 57 ވަނަ މާއްދާގައި ބޯޑު އެކުލެވިގެންވާ ގޮތް ބަޔާންކޮށްފައިވާއިރު، ކުންފުނީގެ މިހާރުގެ ހިއްސާގެ ނިސްބަތަށް ބަލައި މައި ހިއްސާދާރުގެ ހައިސިއްޔަތުން ސަރުކާރުގެ ފަރާތުން ބޯޑަށް ފަސް ޑިރެކްޓަރުން އައްޔަންކުރަންޖެހެއެވެ. އަދި ބާކީ ދެ ޑިރެކްޓަރުންނަކީ އާންމު ހިއްސާދާރުންގެ ތެރެއިން އިންތިޚާބުކުރާ ދެ މެންބަރުންނެވެ. އެމްޓީސީސީން ވަނީ، ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) ގެ ގަވާއިދުތަކުގައި ބާރުއަޅާ ގޮތަށް، މި މަގާމުތަކަށް ވީހާވެސް ގިނަ އަންހެން ބޭފުޅުން ކުރިމަތިލެއްވުމަށް އިލްތިމާސްކޮށްފައެވެ.
މި މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ޝަރުތުތަކުގެ ތެރޭގައި ކުންފުނީގެ ހިއްސާދާރަކަށްވުން ނުވަތަ ހިއްސާދާރު ކުންފުންޏަކުން ނޮމިނޭޓްކުރާ ފަރާތަކަށްވުން ހިމެނެއެވެ. މީގެ އިތުރުން ކުންފުނީގެ ވިޔަފާރީގެ ދާއިރާތަކަށް އަހުލުވެރި، މާލީ ރިޕޯޓުތައް ދިރާސާކުރުމުގެ ގާބިލުކަން ހުރި ފަރާތަކަށްވުމާއެކު، ސީއެމްޑީއޭގެ މިންގަނޑުތަކަށް ފެތޭ ފަރާތަކަށްވާންޖެހެއެވެ. އަދި ޝަރުއީ ކޯޓަކުން ބަނގުރޫޓުވެފައިވާ ކަމަށް ކަނޑައަޅާފައިވާ ފަރާތަކަށް ނުވުމާއި، އަދާނުކޮށް އޮތް ސާބިތު ދަރަންޏެއް އޮތް ފަރާތަކަށް ނުވުމުގެ އިތުރުން، ކުންފުނީގެ ވިޔަފާރީގެ މަސްލަހަތު ހިމެނޭ އެހެން ވިޔަފާރިއެއްގައި ޝާމިލުވާ ފަރާތަކަށް ވެގެންނުވާނެއެވެ.
ޝަރުތުހަމަވާ ފަރާތްތަކުގެ މައުލޫމާތު ޑިރެކްޓަރުންގެ ބޯޑަށް ހުށަހެޅުމަށްފަހު، ކުރިމަތިލެއްވި ފަރާތްތަކުގެ ތަފުސީލު ކުންފުނީގެ އަހަރީ އާންމު ޖަލްސާގެ ކުރިން ހިއްސާދާރުންގެ މައުލޫމާތަށްޓަކައި އާންމުކޮށް އިއުލާނުކުރެވޭނެއެވެ. އެމްޓީސީސީން މައުލޫމާތު ދެއްވާ ގޮތުގައި، މި ދެ މަގާމަށް ޑިރެކްޓަރުން އިންތިހާބުކުރުން އޮންނާނީ މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ، 2025 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގައެވެ.
މި އިއުލާނާ ގުޅޭގޮތުން އިތުރު މައުލޫމާތު ސާފުކުރެއްވުމަށް [email protected] އަށް އީމެއިލް ކުރެއްވުމަށް ނުވަތަ 3001106 އަދި 3001107 ނަންބަރު ފޯނާ ގުޅުއްވުމަށް އެ ކުންފުނިން އެދެއެވެ.




