މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި އެއާޕޯޓް ޑިވެލޮޕްމަންޓް ފީއާއި ޑިޕާޗަރ ޓެކުހުގެ ގޮތުގައި ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީ، ފާއިތުވި އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 17.5 އިންސައްތަ ވަނީ އިތުރުވެފައެވެ.
މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮޓޯރިޓީ (މީރާ) އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ރާއްޖެއިން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ނަގާ މި ދެ ބާވަތުން ދައުލަތަށް ޖުމްލަ 2.1 ބިލިޔަން ރުފިޔާ ވަނީ ލިބިފައެވެ. ފާއިތުވި އަހަރުގެ މި މުއްދަތުގައި ލިބިފައިވަނީ 1.8 ބިލިޔަން ރުފިޔާއެވެ.
ވަކިވަކި ދާއިރާތަކުން ލިބުނު އާމްދަނީއަށް ބަލާއިރު، ޑިޕާޗަރ ޓެކުހުގެ ގޮތުގައި ފުރަތަމަ ހަ މަސްދުވަހު 1 ބިލިޔަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ ފާއިތުވި އަހަރުގެ މި މުއްދަތުގައި ލިބުނު 907 މިލިޔަން ރުފިޔާއާ އަޅާބަލާއިރު 17 އިންސައްތައިގެ އިތުރުވުމެކެވެ.
ހަމައެއާއެކު، އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައިވެސް މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހު 1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ 2025 ވަނަ އަހަރުގެ އެ މުއްދަތުގައި ލިބުނު 913 މިލިޔަން ރުފިޔާއާ އަޅާބަލާއިރު 18 އިންސައްތަ އިތުރު އަދަދެކެވެ.
ރާއްޖޭގެ އެއާޕޯޓުތަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޑިޕާޗަރ ޓެކްސް ނަގަން ފަށާފައި ވަނީ 1 ޖަނަވަރީ 2022 އިން ފެށިގެންނެވެ. އަދި އެއާޕޯޓް ޑިވެލޮޕްމަންޓް ފީއަކީ ހަމައެކަނި ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން ރާއްޖެއިން ބޭރަށް ފުރާ ކޮންމެ ފަސިންޖަރެއްގެ އަތުން ނެގޭ ފީއެކެވެ. މި ފީ ނަގަން ފަށާފައިވަނީ 1 މޭ 2017 އިން ފެށިގެންނެވެ.
ޑިޕާޗަރ ޓެކުހުން އިސްތިސްނާވާ ފަރާތްތަކުގެ ތެރޭގައި ޑިޕްލޮމެޓިކް އިމިއުނިޓީ (ޚާއްސަ އިމްތިޔާޒުތައް) ލިބިފައިވާ ފަރާތްތަކާއި، ޓްރާންސިޓް ފަސިންޖަރުންގެ އިތުރުން އުމުރުން ދެ އަހަރު ފުރިހަމަނުވާ ކުޑަކުދިން ހިމެނެއެވެ.
އެއާޕޯޓް ޑިވެލޮޕްމަންޓް ފީއިން އިސްތިސްނާވަނީ ޑިޕްލޮމެޓިކް އިމިއުނިޓީ ލިބިފައިވާ ފަރާތްތަކުގެ އިތުރުން ޓްރާންސިޓް ފަސިންޖަރުންގެ ތެރެއިން ހަމައެކަނި "ޑައިރެކްޓް ޓްރާންސިޓް" (ސީދާ ޓްރާންސިޓް) ވެގެން ފުރާ ފަސިންޖަރުންނެވެ.




