2026 ވަނަ އަހަރު ރާއްޖެ ޒިޔާރަތް ކުރި 1 މިލިއަން ވަނަ ފަތުރުވެރިޔާ

މި އަހަރުގެ މިހާތަނަށް ރާއްޖެއަށް 1 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވީ ނަމަވެސް، މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ފަތުރުވެރިން އައި އަދަދު %5 ދަށްވެފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. ރާއްޖެއަށް 1 މިލިއަންވަނަ ފަތުރުވެރިޔާ އައިސްފައިވަނީ މިދިޔަ މަހުގެ 20 ވަނަ ދުވަހުއެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާއިރު ލަސް ތާރީޚެކެވެ. މިހާރު އެވްރެޖުކޮށް ދުވާލެއްގެ މައްޗަށް ރާއްޖެއަށް އަންނަނީ 5،700 އެއްހާ ފަތުރުވެރިންނެވެ.

އެންމެ ގިނައިން ފަތުރުވެރިން އައި ގައުމުތައް

ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ މާކެޓުތަކުގެ ތެރެއިން އެއްވަނައިގައި އުޅެނީ ޗައިނާއެވެ. އެ ގައުމުން ޖުމްލަ 169،798 ފަތުރުވެރިން އައިސްފައިވާއިރު، މިއީ މުޅި މާކެޓުގެ %16.2 އެވެ.

ގައުމު ފަތުރުވެރިންގެ އަދަދު ޖުމްލަ އިންސައްތަ (%)
ޗައިނާ 169,798 ⁦16.2%⁩
ރަޝިއާ 150,978 ⁦14.0%⁩
އިނގިރޭސިވިލާތް 86,795 ⁦8.3%⁩
އިޓަލީ 74,049 ⁦7.1%⁩
ޖަރުމަނު 67,379 ⁦6.4%⁩

ފަތުރުވެރިން ޗުއްޓީ ހޭދަކުރާ ގޮތަށް ބަލާއިރު، ޖުމްލަ ފަތުރުވެރިންގެ %72 މީހުން ހިއްސާކުރަނީ ރިސޯޓުތަކެވެ. އަދި %23 ފަތުރުވެރިން ޗުއްޓީ ހޭދަކުރަނީ ގެސްޓްހައުސްތަކުގައެވެ. އެންމެ ކުރީގައި އުޅޭ ޗައިނާ މާކެޓަށް ބަލާއިރު، އެ ގައުމުގެ ފަތުރުވެރިންގެ %65 މީހުން ރިސޯޓުތަކުގައި ތިބޭއިރު %30 މީހުން ހިޔާރުކުރަނީ ގެސްޓްހައުސްތަކެވެ.

ޑިމޮގްރަފިކްސްއަށް ބަލާއިރު، ރާއްޖެއަށް އެންމެ ގިނައިން އަންނަނީ 25 އަހަރާއި 34 އަހަރާ ދެމެދުގެ އަންހެން ފަތުރުވެރިންނެވެ. މިހާރު ރާއްޖޭގައި ޖުމްލަ 1،297 ފެސިލިޓީއެއްގައި 67،868 އެނދު ދަނީ އޮޕަރޭޓު ކުރަމުންނެވެ.

ސަރުކާރުގެ ބޮޑު އަމާޒަކީ މި އަހަރު ނިމޭއިރު ޖުމްލަ 2.5 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމެވެ. ނަމަވެސް މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ވައިގެ ދަތުރުފަތުރަށާއި ފަތުރުވެރިކަމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެ، މި އަމާޒަށް ވާސިލްވެވިދާނެ ކަމާ މެދު މިހާރު ވަނީ ސުވާލު އުފެދިފައެވެ.

 ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވި ގޮތުގައި، މިފަދަ ގޮންޖެހުންތަކާއެކުވެސް މިހާރު ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ ރާއްޖޭގެ ފަތުރުވެރިކަން މިދިޔަ އަހަރަށްވުރެ ދަށްނުވެ ހިފެހެއްޓުމެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް