މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ޑެބިޓް ކާޑު ބޭނުންކޮށްގެން އީކޮމާސް ބައެއް ސައިޓްތަކުން ޑޮލަރުން ކުރާ މުއާމަލާތްތައް އެ ބޭންކުން ލިމިޓްކޮށްފިއެވެ.
އެމްއައިބީން ނެރުނު ބަޔާނެއްގައި ބުނީ އެ ބޭންކުގެ ރުފިޔާ ކާޑަށް ލިބެމުންދިޔަ 250 ޑޮލަރުގެ ލިމިޓަކީ ކަސްޓަމަރުންގެ ޒަރޫރީ ބޭނުންތަކަށް ޚާއްސަކޮށްގެން ދޫކުރަމުން ދިޔަ ލިމިޓެއް ކަމަށެވެ. ނަމަވެސް ވޭތުވެދިޔަ މަދު ދުވަސްތަކުގެ ތެރޭގައި ބައެއް ކަސްޓަމަރުން އެ ލިމިޓް އެހެނިހެން ބޭނުންތަކަށް ބޭނުންކުރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށް ބޭންކުން ވިދާޅުވިއެވެ.
އެހެންކަމުން، ދެމެހެއްޓެނިވި ގޮތެއްގައި މި ޚިދުމަތް ކަސްޓަމަރުންގެ ޒަރޫރީ ބޭނުންތައް ފުއްދުމަށްޓަކައި ފޯރުކޮށްދިނުމަށް އިސްކަން ދިނުމުގެ ގޮތުން، ބައެއް ވިޔަފާރި ސައިޓްތަކުން ޑޮލަރު ލިމިޓް ބޭނުން ނުކުރެވޭ ގޮތް ހެދުމަށް އެ ބޭންކުން ވަނީ ވަގުތުން ފިޔަވަޅު އަޅަން ނިންމާފައެވެ. އެމްއައިބީން ބުނީ އެގޮތަށް ނިންމާފައިވަނީ އެ ލިމިޓް ކަސްޓަމަރުންގެ އެންމެ ޒަރޫރީ ބޭނުންތަކަށް ބޭނުން ކުރުމަށް ވީހާވެސް ގިނަ ކަސްޓަމަރުންނަށް ފުރުޞަތު ދިނުމުގެ މަޤްޞަދުގައެވެ.
އެމްއައިބީގެ މި ނިންމުމާއެކު، ދެން އީކޮމާސް ސައިޓްތަކަށް ކުރެވޭނީ ގިނަވެގެން 10 ޓްރާންސެކްޝަން ކަމަށް އެ ބޭންކުން ހާމަކުރެއެވެ. ނަމަވެސް، މި ބަދަލު ގެނައިނަމަވެސް ކަސްޓަމަރުންގެ އާންމު ބޭނުންތަކަށް ބޭނުން ކުރާ ސަބްސްކްރިޕްޝަން ސައިޓުތަކަށާއި، ރާއްޖެއިން ބޭރުގައި ހުންނަ ޕީއޯއެސް (POS) މެޝިންތަކުން ކުރާ ވިޔަފާރިތަކަށް އެއްވެސް ހުރަހެއް ނެތެވެ. މީގެ އިތުރުން، ސިއްޙީ ޚިދުމަތް ހޯދުމަށާއި ޗުއްޓީ ހޭދަކުރުމަށް ހިނގާ އެކި ޚަރަދުތަކަށް، ކުރިއެކޭވެސް އެއްގޮތަށް 250 ޑޮލަރުގެ ލިމިޓުގެ ތެރެއިން ފުރިހަމައަށް ބޭނުން ކުރެވޭނެ ކަމުގެ ޔަގީންކަން އެ ބޭންކުން ވަނީ ދީފައެވެ.




