އައު ބްރޭންޑުތަކާއެކު، އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ފުރަތަމަ ފަންގިފިލާ ހުޅުވައިފި

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) ގެ މައި ސުޕަރމާކެޓް، "އެސްޓީއޯ ޕީޕަލްސް ޗޮއިސް" އިތުރަށް ފުޅާކޮށް، އެތަނުގެ ފުރަތަމަ ފަންގިފިލާ ރަސްމީކޮށް ހުޅުވައިފިއެވެ.

ރޭ ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި ފަންގިފިލާ ހުޅުވައިދެއްވީ މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް މުޙައްމަދު ސަޢީދެވެ. "ހައިޕަމާކެޓް" ކޮންސެޕްޓަށް 2022 ވަނަ އަހަރު ބަދަލުކުރި ޕީޕަލްސް ޗޮއިސްގެ ޖާގަ މިހާރު ވަނީ އިތުރަށް ތަނަވަސްކޮށް، އަމިއްލަ ވިޔަފާރިތަކަށް ވެސް އެތަނުގައި ފުރުޞަތު ފަހިކޮށްދީފައެވެ.

އަލަށް ހުޅުވުނު ފުރަތަމަ ފަންގިފިލާގައި ތަފާތު އެކި ބްރޭންޑުތަކުގެ އައުޓްލެޓްތައް ހިމެނެއެވެ. އޭގެ ތެރޭގައި ކުޑަކުދިންގެ ސާމާނަށް ޚާއްޞަ "ޕީކަބޫ" އާއި، ގޭތެރެއަށް ބޭނުންވާ ސާމާނު ވިއްކާ "ޕްރޮކިއު ޕްލަސް" ފަދަ މަޤުބޫލު އަމިއްލަ ވިޔަފާރިތައް ހިމެނެއެވެ. މިއީ އެސްޓީއޯގެ ޚިދުމަތްތައް އެއް ފުރާޅެއްގެ ދަށުން ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގެ މުހިންމު ފިޔަވަޅެކެވެ.

މި ރަސްމިއްޔާތުގެ ތެރެއިން އެސްޓީއޯއިން ވަނީ ދުނިޔޭގެ މަޤުބޫލު ބްރޭންޑެއް ކަމަށްވާ "ސުންމީ" ރާއްޖޭގެ ބާޒާރަށް އަލަށް ތަޢާރަފް ކޮށްފައެވެ. މި ބްރޭންޑު ތަޢާރަފްކޮށްދެއްވީ އެސްޓީއޯގެ ޗެއާޕާރސަން އާމިރު މަންސޫރެވެ. ސުންމީއަކީ ވިޔަފާރިތަކަށް ބޭނުންވާ ޒަމާނީ ޕޮއިންޓް އޮފް ސޭލް ސިސްޓަމްތަކާއި ޓެކްނޮލޮޖީ އުފައްދާ ކުންފުންޏެކެވެ.

މީގެ އިތުރުން، އެސްޓީއޯއިން ވަނީ ފިލިޕްސް ބްރޭންޑުގެ އައު އެއާ ކޮންޑިޝަނަރުތަކެއް ވެސް ބާޒާރަށް ނެރެފައެވެ. މި އުފެއްދުން ތަޢާރަފްކޮށްދެއްވީ އެސްޓީއޯގެ މެނޭޖިންގ ޑައިރެކްޓަރ ޝިމާދު އިބްރާހިމެވެ.

އެސްޓީއޯއިން ބުނި ގޮތުގައި، ޕީޕަލްސް ޗޮއިސްގެ ޖާގަ ބޮޑުކޮށް، އައު ބްރޭންޑުތައް ތަޢާރަފްކުރުމުގެ މައިގަނޑު މަޤުޞަދަކީ ކަސްޓަމަރުންނަށް ބޭނުންވާ ހުރިހާ މުދަލެއް ފަސޭހަކަމާއެކު އެއްތަނަކުން ލިބޭނެ އިންތިޒާމު ހަމަޖެއްސުމެވެ. އެ ކުންފުނިން ދަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މިފަދަ ޒަމާނީ އައުޓްލެޓްތައް ހުޅުވައި، ޚިދުމަތްތައް ފުޅާކުރަމުންނެވެ.

 

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް