ސަބްސްކްރިޕްޝަން ލިމިޓެއް ނުކުރަން، މައްސަލަ ހައްލުކޮށްދޭނަން: ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ރުފިޔާ ކާޑުތަކުން ރާއްޖޭން ބޭރުގެ އީ-ކޮމާސް މުއާމަލާތްތައް ކުރެވޭ އަދަދު ކޮންޓްރޯލްކުރި ނަމަވެސް، އާންމުކޮށް ބޭނުންކުރާ ހިދުމަތްތަކުގެ ސަބްސްކްރިޕްޝަން ފީތައް އެ ލިމިޓުން އިސްތިސްނާވާނެ ކަމަށް އެ ބޭންކުން ބުނެފިއެވެ.

ބޭރު ފައިސާގެ ދަތިކަމާ ގުޅިގެން، ބޭރުގެ އީ-ކޮމާސް ސައިޓުތަކުން ކޮންމެ ކަސްޓަމަރަކަށް މަހަކު ކުރެވޭނެ މުއާމަލާތުގެ އަދަދު 30 އަށް ބީއެމްއެލް އިން ވަނީ މިދިޔަ މަހު ހިފަހައްޓައިފައެވެ.

އަދި މުޅި ރާއްޖެއަށް ކަނޑައެޅިފައިވާ ދުވަހު ލިމިޓެއްގެ ސަބަބުން ގިނަ ބައެއްގެ ސަބްސްކްރިޕްޝަން ޕޭމަންޓުތައް ކެނޑުމުން އާންމުންގެ ޝަކުވާ ވަނީ އިތުރުވެފައެވެ.

މިކަމާ ގުޅިގެން ބީއެމްއެލް އިން މައުލޫމާތު ދިން ގޮތުގައި، ދުވަހުގެ ފޮރިން ސްޕެންޑް ލިމިޓްގެ ތެރޭގައި ސަބްސްކްރިޕްޝަން ފައިސާ ނުހިމެނޭނެއެވެ.

ނަމަވެސް، އެކި ސަބަބުތަކާ ހުރެ ބައެއް މާޗަންޓުން މިފަދަ ޕޭމަންޓުތައް ބަލައިނުގަންނަ މައްސަލަ ފާހަގަކުރެވިފައިވާ ކަމަށާއި، އެ މައްސަލަތައް ހައްލުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ބޭންކުން ބުނެއެވެ.

ބީއެމްއެލް އިން އިތުރަށް ބުނީ، ސަބްސްކްރިޕްޝަން ޕޭމަންޓެއް ދެއްކުމުގައި އެއްވެސް ދަތިކަމެއް ކުރިމަތިވެއްޖެ ނަމަ، ބޭންކަށް ގުޅުމުން އެކަމަށް ވަގުތުން ހައްލެއް ހޯދައިދޭނެ ކަމަށެވެ.

 

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް