ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން، ނިމިދިޔަ މޭ މަހު ރާއްޖެއަށް 139,000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފިއެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު ފާހަގަކޮށްލެވޭ ކުރިއެރުމެކެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު، މޭ މަހު ރާއްޖެއަށް ޖުމްލަ 139,746 ފަތުރުވެރިން ޒިޔާރަތްކުރިއިރު، މިދިޔަ އަހަރުގެ އެ މުއްދަތުގައި ރާއްޖެއަށް އައީ 135,614 ފަތުރުވެރިންނެވެ. މިއީ ގާތްގަނޑަކަށް 3 އިންސައްތައިގެ އިތުރުވުމެކެވެ. އެ ވުޒާރާއިން ހާމަކުރެއްވި ގޮތުގައި، މޭ މަހުގެ ނިޔަލަށް ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 6,100 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ.
މޭ މަހުގެ ތަފާސްހިސާބުތައް ރަނގަޅުވި ނަމަވެސް، އަހަރުގެ މިހާތަނަށް ޒިޔާރަތްކުރި ޖުމްލަ ފަތުރުވެރިންގެ އަދަދު ވަނީ މިދިޔަ އަހަރާ އަޅާބަލާއިރު 4.7 އިންސައްތަ ދަށްވެފައެވެ. އެގޮތުން މިދިޔަ އަހަރުގެ ފުރަތަމަ ފަސް މަސްދުވަހު 966,358 ފަތުރުވެރިން އައިސްފައިވާއިރު، މިއަހަރުގެ އެ މުއްދަތުގައި އައިސްފައިވަނީ 921,115 ފަތުރުވެރިންނެވެ.
މިއަހަރުގެ ފުރަތަމަ ފަސް މަހު ފަތުރުވެރިންގެ އަދަދު ދަށްވުމުގެ މައިގަނޑު ސަބަބަކީ މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން އެ ސަރަހައްދުން ރާއްޖެއަށް ކުރާ ދަތުރުތަކަށް ބުރޫއެރުމެވެ. ޚާއްޞަކޮށް މާރިޗު އަދި އެޕްރީލް މަހު މި ހަނގުރާމައިގެ ނޭދެވޭ އަސަރު ރާއްޖޭގެ ފަތުރުވެރިކަމަށް ވަރަށް ބޮޑަށް ކޮށްފައިވެއެވެ. ނަމަވެސް، މިހާރު ބައެއް އެއަރލައިންތަކުން އަލުން ދަތުރުތައް ފަށަމުންދާކަން ފާހަގަކުރެވެއެވެ.



