މި މަހުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު، ފާއިތުވި އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 2.6 އިންސައްތައިގެ ކުރިއެރުމެއް ހޯދައިފިއެވެ.
ޓޫރިޒަމް މިނިސްޓްރީގެ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ ބުދަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ޖުމްލަ 923,984 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ.
މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ޒިޔާރަތްކުރި 962,242 ފަތުރުވެރިންނާ އަޅާބަލާއިރު ހަތަރު އިންސައްތައިގެ ދަށްވުމެކެވެ. ނަމަވެސް، ހަމައެކަނި މި މަހުގެ ހިސާބުތަކަށް ބަލާއިރު، މިހާތަނަށް 122,548 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި އައި 119,468 ފަތުރުވެރިންނަށްވުރެ 2.6 އިންސައްތަ އިތުރު އަދަދެކެވެ.
މާކެޓްތަކަށް ބަލާއިރު، އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި ގައުމުގެ މަގާމުގައި އަދިވެސް އޮތީ ޗައިނާއެވެ. މިދިޔަ ބުދަ ދުވަހުގެ ނިޔަލަށް އެ ގައުމުން 141,339 ފަތުރުވެރިން ރާއްޖެ އައިސްފައިވީ ނަމަވެސް، މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު ކުޑަ ދަށްވުމެކެވެ. ލިސްޓުގެ ދެވަނައިގައި 121,000 ފަތުރުވެރިންނާއެކު ރަޝިއާ އޮތްއިރު، ތިންވަނައިގައި އޮތީ 79,000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި އިނގިރޭސިވިލާތެވެ.
މީގެ އިތުރުން، ހަތަރުވަނައިގައި އިޓަލީ އަދި ފަސްވަނައިގައި ޖަރުމަނުވިލާތް ހިމެނޭއިރު، ރާއްޖޭގެ ފަތުރުވެރިކަމުގެ މުހިންމު މާކެޓެއް ކަމުގައިވާ އިންޑިއާ އޮތީ 50,747 ފަތުރުވެރިންނާއެކު ލިސްޓުގެ ހަވަނައިގައެވެ.
މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން، ފާއިތުވި ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހުން ފެށިގެން ފަތުރުވެރިން އަންނަ މިންވަރަށް ބައެއް ބަދަލުތައް އަންނަން ފަށާފައިވާކަން ފާހަގަކުރެވެއެވެ.




