ޓޫރިޒަމްގެ ދާއިރާއަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ދޭ އެހީތެރިކަން ބޮޑުކަމަށާއި އެއީ އެ ދާއިރާގެ މުހިއްމު އަދި އިސް ބައިވެރިއެއް ކަމަށް، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)ގެ ޗެއާމަން ހުސައިން އަފީފް ވިދާޅުވެއްޖެ އެވެ.
ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ހަރުދަނާކޮށް ފުޅާކުރުމުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އަދާކުރާ މުހިންމު ދައުރަށް އަލިއަޅުއްވާލައްވަމުން، އެ ދާއިރާގެ އެއް ބާނީ ހުސައިން އަފީފް ވިދާޅުވީ، ރިސޯޓުތައް ތަރައްގީކުރުމަށާއި، ޚިދުމަތްތައް ސިންދަފާތުކޮށް، މަސައްކަތްތައް މެދުނުކެނޑި ކުރިއަށް ގެންދިއުމުގެ ގާބިލުކަން އިތުރުކުރުމަށް މާލީ އެހީތެރިކަމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށެވެ.
"ފަތުރުވެރިކަމުގެ ސިނާއަތުގެ ކުރިއެރުމުގައި ބީއެމްއެލްއަކީ މައިގަނޑު އެއް ބައިވެރިޔާ. ބޭންކުން ފޯރުކޮށްދޭ މާލީ އެހީތެރިކަމުގެ ސަބަބުން، މި ދާއިރާ ފުޅާކޮށް، އައު އީޖާދީ ޚިދުމަތްތައް ތައާރަފްކުރުމުގެ އިތުރުން، ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ބޮޑު ބާރަކަށްވޭ. މާލީ ވަސީލަތްތައް ހޯދުމަށް ބޭންކުން އިސްނަގައިގެން ކުރިއަށްގެންދާ މަސައްކަތްތަކުގެ ސަބަބުން، ފަތުރުވެރިކަމުގެ ވިޔަފާރިތަކުގެ ހިންގުން ހަރުދަނާވެ، މުޅި ގައުމުގެ އިގްތިސާދީ ކުރިއެރުމަށް އޭގެ ފައިދާ ކުރާނެ،" ބައިނަލްއަގުވާމީ އިންވެސްޓަރުންނަށް އަމާޒުކޮށް ބީއެމްއެލްއިން ކުރިއަށް ގެންދިޔަ 'ނޮން-ޑީލް ރޯޑް ޝޯ' އާ ގުޅޭގޮތުން ވާހަކަދައްކަވަމުން އަފީފް ވިދާޅުވިއެވެ.
މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) ގެ ޗެއާމަން މިފަދައިން ވިދާޅުވެފައިވަނީ، ބީއެމްއެލްގެ މާލީ ގާބިލުކަން އިތުރުކޮށް، 'ފަންޑިން ބޭސް' ފުޅާކުރުމަށް ބައިނަލްއަގުވާމީ އިންވެސްޓަރުންނާ މަޝްވަރާކުރަމުންދާ ދަނޑިވަޅެއްގައެވެ. ބީއެމްއެލްއަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ވިޔަފާރިތަކަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގައި އެންމެ އިސް ދައުރެއް އަދާކުރާ ބޭންކެވެ.




