ވީއައިއޭގެ ކާގޯ އޮޕަރޭޝަނަށް 13 އިންސައްތައިގެ ކުރިއެރުމެއް

ރާއްޖޭގެ މައި ވައިގެ ބަނދަރު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އިގްތިސާދީ ގޮތުންނާއި އޮޕަރޭޝަނަލް ގޮތުން އާ އުސްމިންތަކަކަށް ދަތުރުކުރަމުންދާކަން ހާމަވެއްޖެއެވެ. މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން އާންމުކުރި ހިސާބުތަކުން ދައްކާގޮތުގައި، މި އަހަރުގެ ފުރަތަމަ ތިން މަސްދުވަހުގެ ތެރޭގައި އެ އެއާޕޯޓުން ވަނީ 24,782 ޓަނުގެ ކާގޯ ހޭންޑްލްކޮށްފައެވެ.

މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 13 އިންސައްތައިގެ ބޮޑު ކުރިއެރުމެކެވެ.

އިންބައުންޑް އަދި ޓްރާންސްޝިޕްމަންޓްގެ ކުރިއެރުން

އެއާޕޯޓަށް އެތެރެކުރި (އިންބައުންޑް) މުދަލުގެ މިންވަރު 18,908 ޓަނަށް އަރާއިރު، ބޭރުކުރި (އައުޓްބައުންޑް) މުދަލުގެ އަދަދަކީ 5,873 ޓަނެވެ. މީގެ އިތުރުން، ރާއްޖެއަކީ ކާގޯގެ މައި މަރުކަޒަކަށް ހެދުމަށް ކުރާ މަސައްކަތުގެ ދަށުން ޓްރާންސްޝިޕްމަންޓް ކާގޯގެ ގޮތުގައި 4,277 ޓަނުގެ މުދާ ވަނީ ހޭންޑްލްކޮށްފައެވެ. މިއީ ވޭތުވެދިޔަ އަހަރަށްވުރެ 14 އިންސައްތައިގެ އިތުރުވުމެކެވެ.

މި ޚިދުމަތް ހޯދާ ބައިނަލްއަގުވާމީ އެއާލައިންތަކުގެ ތެރޭގައި ގަތަރު ކާގޯ، ނޭޝަނަލް އެއާލައިންސް އަދި އެމްއެންޖީ އެއާލައިންސް ފަދަ މަޝްހޫރު ނަންތައް ހިމެނެއެވެ.

ރެކޯޑް މިންވަރަކަށް ފްރައިޓާ ދަތުރުތައް އިތުރުވުން

މި އަހަރުގެ މާޗް މަހަކީ ވީއައިއޭގެ ތާރީޚުގައިވެސް އެންމެ ގިނަ ފްރައިޓް ހޭންޑްލްކުރި މަހެވެ. މުދާ އުފުލާ ޚާއްސަ މަތިންދާބޯޓުތައް ނުވަތަ ފްރައިޓާ ދަތުރުތައް އިތުރުވުމަކީ ރާއްޖޭގެ އިމްޕޯޓް-އެކްސްޕޯޓް ސިނާއަތް ހަލުވިކަމާއެކު ފުޅާވަމުންދާކަމުގެ ހެއްކެކެވެ.

ފަސިންޖަރުންގެ އަދަދު: 2.4 މިލިއަން

ކާގޯގެ އިތުރުން ފަސިންޖަރުންގެ ހަރަކާތްތަކަށް ބަލާއިރު، މި އަހަރުގެ ފުރަތަމަ ކުއާޓާގައި 2.4 މިލިއަން ފަސިންޖަރުން ވަނީ ވީއައިއޭގެ ޚިދުމަތް ހޯދާފައެވެ. މީގެ ތެރޭގައި 1.5 މިލިއަން ބައިނަލްއަގުވާމީ ފަސިންޖަރުން ހިމެނެއެވެ.

އެމްއޭސީއެލް އިން އަންނަނީ އެއާޕޯޓުގެ ޓާމިނަލްތަކާއި ކާގޯ ފެސިލިޓީތައް ޒަމާނީ ފެންވަރަށް ތަރައްގީކޮށް، ދުނިޔޭގެ ފެންވަރުގެ އެވިއޭޝަން ހަބަކަށް ވީއައިއޭ ހެދުމަށް ބޮޑެތި މަޝްރޫއުތަކެއް ހިންގަމުންނެވެ. މިދިޔަ އަހަރު ޖުމްލަ 89,000 ޓަނުގެ ކާގޯ އުފުލާފައިވާއިރު، މި އަހަރުގެ ފުރަތަމަ ތިން މަހުގެ ނަތީޖާއަށް ބަލައި މިއަހަރުގެ ނިޔަލަށް އެ އަދަދު އެތައް ގުނައަކަށް އިތުރުވާނެކަމަށް ބެލެވެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް