ޗައިނާއިން ރާއްޖެއަށް ތެޔޮ އެކްސްޕޯޓްކުރަން ހުއްދަ ދީފި: ރިޕޯޓް
އަންނަ މޭ މަހު ރާއްޖެއާއި އޭޝިއާ ޕެސިފިކް ސަރަހައްދުގެ ބައެއް ގައުމުތަކަށް 500،000 މެޓްރިކް ޓަނުގެ ތެޔޮ ފޮނުވުމުގެ ހުއްދަ ޗައިނާ ސަރުކާރުން ދީފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.
މިއީ އޭޕްރީލް މަހާ އަޅާބަލާއިރު ދެގުނަ އިތުރު އަދަދެއް ނަމަވެސް، މިއީ މިދިޔަ އަހަރުގެ އެވްރެޖް މިންވަރަށްވުރެ ދެބައިކުޅަ އެއްބަޔަށްވުރެ ވެސް މަދު މިންވަރެކެވެ.

ރޮއިޓާސްއިން މަޢުލޫމާތު ދޭ ގޮތުގައި މި ހުއްދަ ލިބުނު ގައުމުތަކުގެ ތެރޭގައި ދިވެހިރާއްޖޭގެ އިތުރުން އޮސްޓްރޭލިއާ، ބަންގްލަދޭޝް، ކެމްބޯޑިއާ، ލާއޯސް، މިޔަންމާ އަދި ނިއުޒީލަންޑް ހިމެނެއެވެ. މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ހޯރްމުޒް ކަނޑުއޮޅި ބަންދުވެދާނެ ކަމުގެ ބިރު އޮތުމުން، ޗައިނާގެ އެތެރޭގެ ބާޒާރު ހަމަޖެއްސުމަށްޓަކައި މާރިޗު މަހުން ފެށިގެން އެގައުމުން ވަނީ ތެޔޮ އެކްސްޕޯޓްކުރުން ވަރަށް ބޮޑަށް މަދުކޮށްފައެވެ.

މިފަހަރު އެކްސްޕޯޓް ކުރާ ތެލުގެ ބޮޑުބައި ކަނޑައަޅާފައިވަނީ ޗައިނާގެ ސިނޯޕެކް ކުންފުންޏަށެވެ. މީގެ އިތުރުން ޕެޓްރޯޗައިނާ އާއި ސީ.އެން.އޯ.އޯ.ސް އަށް ވެސް ވަނީ ވަކި މިންވަރެއް އެކްސްޕޯޓް ކުރަން ހުއްދަ ދީފައެވެ. ބޭރުގެ ބާޒާރުގައި ތެލުގެ އަގު އުފުލިފައިވުމުން ލިބޭ ފައިދާ އިތުރުވާތީ ޗައިނާގެ ސަރުކާރު ކުންފުނިތަކުން ވަނީ ތެޔޮ ވިއްކުމުގެ ހުއްދައަށް އެދިފައެވެ. މިގޮތުން ފޮނުވާ ތެލުގެ 40 އިންސައްތައަކީ ޑީސަލާއި ޖެޓް ފިއުލް ކަމަށް ލަފާކުރެވެއެވެ.

މިކަމާ ގުޅޭގޮތުން ޗައިނާގެ ރަސްމީ އިދާރާތަކުން އަދި ވަކި އެއްޗެއް ބުނެފައި ނުވާއިރު، މިދިޔަ އަހަރު އެގައުމުން މަހަކު އެވްރެޖްކޮށް 1.6 މިލިއަން ޓަނުގެ ތެޔޮ އެކްސްޕޯޓް ކުރިއެވެ. މިހާރު ދުނިޔޭގެ ބާޒާރުގައި ޑީސަލް ފީފާއެއް 55 ޑޮލަރަށް، ޖެޓް ފިއުލް 62 ޑޮލަރަށް އަދި ޕެޓްރޯލް ފީފާއެއް 15 ޑޮލަރަށް ލިބެން ހުރި ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް