ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ އުފެއްދުންތެރި ފަންނުވެރިންނާއި ކޮންޓެންޓް ކްރިއޭޓަރުން ބައިވެރިވާ ބައިނަލްއަގުވާމީ ބޮޑު ސަމިޓެއް މިއަހަރު ރާއްޖޭގައި ބޭއްވުމަށް ވިޒިޓް މޯލްޑިވްސްއިން ތައްޔާރުވެއްޖެއެވެ.
"ވޯލްޑް ކްރިއޭޓަރ ސަމިޓް އެންޑް ވޯލްޑް ކްރިއޭޓާ އެވޯޑްސް" ގެ ނަމުގައި ކުރިއަށްގެންދާ މި ހަރަކާތް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ސެޕްޓެމްބަރު މަހުގެ 20 އިން 25 އަށެވެ. މިއީ ވިޒިޓް މޯލްޑިވްސް އާއި ދުނިޔޭގެ ފަތުރުވެރިކަމުގެ ދާއިރާގެ އެންމެ ޝަރަފުވެރި އެވޯޑް ކަމަށްވާ "ވޯލްޑް ޓްރެވަލް އެވޯޑްސް" ގުޅިގެން ބާއްވާ ހަރަކާތެކެވެ. މީގެ އެއްބަސްވުމުގައި ވިޒިޓް މޯލްޑިވްސްގެ ސީއީއޯ އިބްރާހީމް ޝިއުރީ އާއި ވޯލްޑް ޓްރެވަލް އެވޯޑްސްގެ ވައިސް ޕްރެޒިޑެންޓް ޖަސްޓިން ކޫކް ވަނީ އިއްޔެ ސޮއިކުރައްވާފައެވެ.
މި ސަމިޓުގެ ފުރަތަމަ އެޑިޝަނުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން ފާހަގަކޮށްލެވޭ 50 ކްރިއޭޓަރުން ބައިވެރިވާނެއެވެ. މީގެ ތެރޭގައި ރާއްޖޭގެ ފަތުރުވެރިކަމުގެ މުހިންމު މާކެޓްތައް ކަމަށްވާ ޗައިނާ، އިންޑިއާ، ރަޝިއާ، އިނގިރޭސިވިލާތް އަދި ވިލާތުގެ ގައުމުތަކުގެ ނުފޫޒުގަދަ ފަންނުވެރިން ހިމެނެއެވެ.
ވިޒިޓް މޯލްޑިވްސްގެ ސީއީއޯ ޝިއުރީ ވިދާޅުވި ގޮތުގައި، ފަތުރުވެރިކަން އިޝްތިހާރުކުރާ ގޮތް މިހާރު ވަނީ ބަދަލުވެފައެވެ. އަދި މި ބަދަލުގެ މައިގަނޑު އަސާސަކީ ކްރިއޭޓަރުން ކަމަށްވާއިރު، މި ސަމިޓުގެ ސަބަބުން ރާއްޖެ އިޝްތިހާރު ކުރުމަށް އާ ދޮރުތަކެއް ހުޅުވިގެންދާނެއެވެ. ޖަސްޓިން ކޫކް ފާހަގަކުރެއްވި ގޮތުގައި މިއީ ހަމައެކަނި ސޯޝަލް މީޑިއާ އިވެންޓެއް ނޫނެވެ. މިއީ މަންޒިލްތަކުގެ ވާހަކަ ދުނިޔެއަށް ބުނެދޭނެ ގޮތް ބައްޓަންކުރާނެ ސީރިއަސް ޕްލެޓްފޯމެކެވެ.
މި ހަރަކާތުގެ ތެރޭގައި ސަމިޓުގެ އިތުރުން، ޑިޖިޓަލް ދާއިރާއިން ފާހަގަކޮށްލެވޭ ފަރާތްތަކުގެ އަގުވަޒަންކުރުމަށް ބާއްވާ "ވޯލްޑް ކްރިއޭޓާ އެވޯޑްސް" ވެސް ކުރިއަށްދާނެއެވެ. އަދި ބައިވެރިންނަށް ރާއްޖޭގެ ރަށްތަކާއި ސަގާފަތް ތަޖުރިބާކޮށް، އަމިއްލަ އުފެއްދުންތައް ތައްޔާރުކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މީގެ ބޭނުމަކީ ރާއްޖޭގެ ގުދުރަތީ ރީތިކަމާއި އާދަކާދަތައް ޒަމާނީ ގޮތެއްގައި ދުނިޔޭގެ ބާޒާރުގައި އިޝްތިހާރުކުރުމެވެ.



