ބަޖެޓު ސާޕްލަސްއެއްގައި: ދައުލަތުގެ އާމްދަނީ 9.4 ބިލިޔަނަށް!

ޓެކްސް އާމްދަނީ އިތުރުވެ، ސަރުކާރުގެ ޚަރަދުތައް ކުޑަކުރުމަށް އެޅި ފިޔަވަޅުތަކާއެކު ދިވެހިރާއްޖޭގެ މާލީ ހާލަތު ރަނގަޅުވެ، ބަޖެޓު ސާޕްލަސްއަކަށް ހިނގައްޖެއެވެ.

މިނިސްޓްރީ އޮފް ފައިނޭންސް އިން އާންމުކުރި "ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް" ރިޕޯޓަށް ބަލާއިރު، މިމަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީ އާއި ހިލޭ އެހީގެ މިންވަރު ވަނީ 9.4 ބިލިޔަން ރުފިޔާ އަށް އަރާފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 4.4 އިންސައްތައިގެ ކުރިއެރުމެކެވެ.

ޓެކްސް އާމްދަނީގެ ކުރިއެރުން

ދައުލަތަށް ލިބުނު އާމްދަނީގެ އެންމެ ބޮޑު ހިއްސާއެއް ކުރަނީ ޓެކްސްގެ ގޮތުގައި ލިބުނު 7.7 ބިލިޔަން ރުފިޔާ އެވެ. މީގެ ތެރެއިންވެސް އެންމެ ފާހަގަކޮށްލެވެނީ:

  • ޖީއެސްޓީ: 4.0 ބިލިޔަން ރުފިޔާ (10.8 އިންސައްތަ އިތުރުވުމެއް).

  • ޓީޖީއެސްޓީ: 2.9 ބިލިޔަން ރުފިޔާ.

  • ވިޔަފާރި އާއި މުދަލުގެ ޓެކްސް: 2.2 ބިލިޔަން ރުފިޔާ (24.8 އިންސައްތަ އިތުރުވުމެއް).

މީގެ އިތުރުން ގްރީން ޓެކްސްގެ ގޮތުގައި 497.3 މިލިޔަން ރުފިޔާ އަދި އެއާޕޯޓް ޓެކްސްތަކުގެ ގޮތުގައި 427.7 މިލިޔަން ރުފިޔާ ވަނީ ލިބިފައެވެ.

ޚަރަދު ކުޑަކުރުމުގެ ސިޔާސަތު

އާމްދަނީ އިތުރުވިއިރު، ދައުލަތުގެ ޖުމްލަ ޚަރަދުތައް ވަނީ މިދިޔަ އަހަރަށްވުރެ 10.3 އިންސައްތަ ދަށްކުރެވިފައެވެ. ރިޕޯޓުގައިވާ ގޮތުން މިހާތަނަށް ހިނގާފައިވަނީ 7.3 ބިލިޔަން ރުފިޔާ އެވެ. މީގެ ތެރޭގައި ރިކަރަންޓް ޚަރަދު 10.5 އިންސައްތަ އަދި ކެޕިޓަލް ޚަރަދު 7.8 އިންސައްތަ ދަށްވުން ހިމެނެއެވެ.

ނަމަވެސް، މުސާރައިގެ އައު އޮނިގަނޑާއެކު މުވައްޒަފުންގެ މުސާރައަށް ކުރާ ޚަރަދު ވަނީ 2.7 ބިލިޔަން ރުފިޔާ އަށް (3 އިންސައްތަ) އިތުރުވެފައެވެ.

ސާޕްލަސް އަދި ރިޒާވް

މާލީ އިސްލާހީ ފިޔަވަޅުތަކާއެކު ބަޖެޓުގެ އޯވަރއޯލް ބެލެންސް މިހާރު ހުރީ 2.1 ބިލިޔަން ރުފިޔާގެ ސާޕްލަސްއެއްގައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 140.7 އިންސައްތައިގެ ބޮޑު ކުރިއެރުމެކެވެ.

ހަމައެއާއެކު، ދަރަނި އަދާކުރުމަށް ބޭނުންކުރާ ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު އަށް ޖަމާކުރި ފައިސާވެސް ވަނީ 8.6 އިންސައްތަ އިތުރުވެފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް