މަސްވެރިންނަށް މި މަހުގެ މިހާތަނަށް ފަސް މިލިއަން ރުފިޔާ ދޫކޮށްފި

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަށް ކުރިމަތިވި މާލީ ގޮންޖެހުންތަކަށް ފަހު، މަސްވެރިން ކިރުވާ މަހަށް ފައިސާ ދޫކުރުމުގެ ނިޒާމު ހަރުދަނާވަމުންދާކަން މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ތަފާސްހިސާބުތަކުން ހާމަވެއްޖެއެވެ.

މި ހިނގާ މާރިޗު މަހުގެ މިހާތަނަށް މަސްވެރިންނަށް ޖުމްލަ 5.1 މިލިޔަން ރުފިޔާ ދޫކޮށްފައިވާ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

މިފްކޯއިން އާންމުކުރި ރިޕޯޓުގައިވާ ގޮތުން، މި މަހުގެ ތެރޭގައި 233 ދޯންޏަކުން ވަނީ 352 މެޓްރިކް ޓަނުގެ މަސް ކިރުވާފައެވެ. މީގެ ތެރެއިން އެންމެ ބޮޑު އާމްދަނީއެއް ހޯދާފައިވަނީ ކަޅުބިލަމަހުގެ މަސްވެރިންނެވެ. އެ ފަރާތްތަކަށް 4.1 މިލިޔަން ރުފިޔާ ދޫކޮށްފައިވާއިރު، ބޮޑުކަންނެލީގެ މަސްވެރިކަން ކުރާ ފަރާތްތަކަށް ޖުމްލަ 1.1 މިލިޔަނަށްވުރެ ގިނަ ރުފިޔާ ވަނީ ދޫކޮށްފައެވެ.

ރޯދަމަހާ ދިމާކޮށް މަހަށް ފުރާ އުޅަނދުތަކުގެ އަދަދު މަދުވުމުގެ ސަބަބުން، ކުރީ މަސްތަކާ އަޅާބަލާއިރު ކިރުވި މަހުގެ މިންވަރު ވަނީ ދަށްވެފައެވެ.

ކުރިން ދިމާވި ލަސްތަކަށް ހައްލެއް ހޯދައި، މިހާރު މަސްކިރުވާތާ 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދޫކުރަން ވަނީ ފަށާފައެވެ. މީގެ އިތުރުން، މަސްވެރިންނަށް ބޭނުންވާ ތެޔޮ ހެޔޮ އަގުގައި ފޯރުކޮށްދިނުމާއި، މަސް ގަންނަ އަގުތަކަށް ގެނައި ބަދަލުތަކަކީ މި ސިނާއަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމަށް އެޅުނު މުހިންމު ފިޔަވަޅުތަކެކެވެ.

ރާއްޖޭގެ އިގްތިސާދުގެ މައި އެއް ތަނބު ކަމަށްވާ މަސްވެރިކަން ފުޅާކުރުމަކީ ސަރުކާރުގެ ބޮޑު އަމާޒެކެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް