ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ އިބްރާހިމް ޝިއުރީ ވިދާޅުވީ، އައި އޭމް މޯލްޑިވްސް ރޯޑްޝޯގައި ވިޔަފާރިތަކުން ރާއްޖެ ތަމްސީލުކޮށްގެން މި ކުރާ މަސައްކަތުގެ ސަބަބުން ޔޫރަޕްގެ ގައުމުތަކުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިން އިތުރުވާނެ ކަމަށެވެ.
"މި ރޯޑްޝޯގެ ޒަރިއްޔާއިން ޕޮލެންޑާއި ރޯމޭނިއާ އާއި ޗެކް ރިޕަބްލިކްގެ ފަތުރުވެރިންގެ މެދުގައި ރާއްޖޭގެ ގުދުރަތީ ރީތިކަމާއި، ސަގާފަތާއި ލަގްޒަރީ ޚިދުމަތްތައް އިޝްތިހާރުވެގެންދާނެ،" ޝިއުރީ ވިދާޅުވެފައިވެއެވެ.
މިއީ ރާއްޖެއިން މި އަހަރު 2.3 މިލިއަން ފަތުރުވެރިން ގެނައުމުގެ އަމާޒަށް ވާސިލުވުމަށް ވެސް ލިބޭނެ އިތުރު ކުރިއެރުމެއް ކަމަށް ވިޒިޓް މޯލްޑިވްސްއިން ބުނެއެވެ. މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމެންޓުން ސެޕްޓެމްބަރުގެ ނިޔަލަށް އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން ޔޫރަޕްގެ މެދުތެރޭ ގައުމުތަކުން ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 86,860 އަށް އަރައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި އެ ސަރަހައްދުން 86,574 ފަތުރުވެރިން ޒިޔާރަތްކުރިއެވެ.





