ރާއްޖެ އިޝްތިހާރު ކުރުމަށް 'އައި އޭމް މޯލްޑިވްސް'ގެ ނަމުގައި ވިލާތުގެ ޤައުމުތަކުގައި ރޯޑް ޝޯއެއް ފަށައިފިއެވެ.
މި ރޯޑް ޝޯގައި ރާއްޖޭގެ ފަތުުރުވެރިކަމުގައި ހަރަކާތްތެރިވާ 26 ފަރާތަކުން ބައިވެރިވެފައިވެއެވެ.
މިއީ، ނޭޝަނަލް ހޮޓެލް އެންޑް ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް، އެން.ޖީ.އެޗް.އޭ.އެމާއި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން، ވީ.އެމް.ސީއިން ގުޅިގެން ކުރިއަށް ގެންދާ ހަރަކާތެކެވެ. މި ރޯޑް ޝޯއަކީ، ވިޔަފާރީގެ ގުޅުންތައް ވަރުގަދަކޮށް، ރާއްޖޭގެ މަޤްބޫލުކަން އިތުރުކޮށް، ޔޫރަޕުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ޢަދަދު އިތުރުކުރުމުގެ މަޤްސަދުގައި ކުރިޔަށްގެންދާ ރޯޑް ޝޯއެކެވެ.
މީގެއިތުުރުން ރާއްޖެއާ ބެހޭ މަޢުލޫމާތުތައް ޙިއްސާ ކުރުމާއި، މާކެޓިންގ މަސައްކަތްތަކަށް ބޭނުންވާ ފަތުރުވެރިންގެ އިޚްތިޔާރުތަކާ ބެހޭ މަޢުލޫމާތު އެއްކުރުމަކީވެސް މި ރޯޑް ޝޯ ބޭއްވުމުގެ ބޭނުމެއް ކަމަށް ވީ.އެމް.ސީއިން ބުނެއެވެ.
ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ އިބްރާހިމް ޝިއުރީ ވިދާޅުވީ، އައި އޭމް މޯލްޑިވްސް ރޯޑްޝޯގައި ވިޔަފާރިތަކުން ރާއްޖެ ތަމްސީލުކޮށްގެން މި ކުރާ މަސައްކަތުގެ ސަބަބުން ޔޫރަޕްގެ ގައުމުތަކުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިން އިތުރުވާނެ ކަމަށެވެ.
"މި ރޯޑްޝޯގެ ޒަރިއްޔާއިން ޕޮލެންޑާއި ރޯމޭނިއާ އާއި ޗެކް ރިޕަބްލިކްގެ ފަތުރުވެރިންގެ މެދުގައި ރާއްޖޭގެ ގުދުރަތީ ރީތިކަމާއި، ސަގާފަތާއި ލަގްޒަރީ ޚިދުމަތްތައް އިޝްތިހާރުވެގެންދާނެ،" ޝިއުރީ ވިދާޅުވެފައިވެއެވެ.
މިއީ ރާއްޖެއިން މި އަހަރު 2.3 މިލިއަން ފަތުރުވެރިން ގެނައުމުގެ އަމާޒަށް ވާސިލުވުމަށް ވެސް ލިބޭނެ އިތުރު ކުރިއެރުމެއް ކަމަށް ވިޒިޓް މޯލްޑިވްސްއިން ބުނެއެވެ. މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމެންޓުން ސެޕްޓެމްބަރުގެ ނިޔަލަށް އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން ޔޫރަޕްގެ މެދުތެރޭ ގައުމުތަކުން ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 86,860 އަށް އަރައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި އެ ސަރަހައްދުން 86,574 ފަތުރުވެރިން ޒިޔާރަތްކުރިއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް




