700 އަށްވުރެ ގިނަ ފަރާތަކާއެކު އަލިބާބާގެ ވޯކްޝޮޕް ފަށައިފި

ރާއްޖޭގައި އީކޮމާރސްއާއި އޮންލައިން ވިޔަފާރިކުރާ އަދި އެކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ޚާއްސަކޮށްގެން އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން އަލިބާބާއާ ގުޅިގެން ބާއްވާ ވޯކްޝޮޕް 700 އަށްވުރެ ގިނަ ފަރާތަކާއެކު ބާސެލޯ ނަސަންދުރާގައި ފަަށައިފިއެވެ.

އޮންލައިންކޮށް ރާއްޖޭގެ އެކި ހިސާބުތަކުން މި ވޯކްޝޮޕްގައި ބައިވެރިވެފައިވާއިރު، މިވޯކްޝޮޕްގައި މަޢުލޫމާތު ހިއްސާކުރާނީ އަލިބާބާ ޕްލެޓްފޯމުގެ މަތީ ފަންތީގެ ފަރާތްތަކުންނެވެ. އެގޮތުން ސެލަރ އެކައުންޓު ހުޅުވުމުގެ އިތުރަށް، ދިވެހިންގެ އުފެއްދުންތައް އަލިބާބާގައި އިސްތިހާރުކޮށް ވިއްކުމަށާއި، އެ ޕްލެޓްފޯމުގެ އޭއައި މެދުވެރިކޮށް އެންމެ ފަހުގެ ޓްރެންޑުތައް ދެނެގަންނާނެ ގޮތްތައްވެސް މީގެ ތެރެއިން ކިޔައިދެވޭނެ ކަމަށް އިޤްތިޞާދީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. މީގެސަބަބުން އަލިބާބާގެ ވެބްސައިޓުގައި އޮންލައިންކޮށް މުދާ ވިއްކާ އަދި އެކި ޚިދުމަތްތައް ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެ ކަމަށްވެސް އެ ވުޒާރާއިން ވިދާޅުވިއެވެ.

މީގެ އިތުރުން ވިއްކާ މުދަލަކަށް ނުވަތަ ދޭ ޚިދުމަތަކަށް އަގު ހޯދޭނެ ގޮތްތަށްވެސް މާލީ އިދާރާތައް މެދުވެރިކޮށް މި ވޯކްޝޮޕްގެ ތެރެއިން ކިޔައިދޭނެއެވެ. އަދި މުދާ ފޮނުވުމަށް ނުވަތަ ޕޯސްޓް ކުރުމަށް ހުރި ފުރުސަތުތަށް މޯލްޑިވްސް ޕޯސްޓުގެ ފަރާތުން މި ބައްދަލުވުމުގެ ތެރެއިން ހިއްސާކުރާނެ ކަމަށް އިޤްތިޞާދީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

ޤައުމީ އުފެއްދުންތެރިކަމުގެ 15 އިންސައްތަ އަކީ ކްރިއޭޓިވް އިންޑަސްޓްރީ ނުވަތަ އުފެއްދުންތެރިކަމުގެ ސިނާޢަތް ކަމަށް ހެދުމަކީ ސަރުކާރުގެ އަމާޒެކެވެ. މިކަން ހާސިލްކުރުމަށް ބޭރުގެ މާކެޓުތަކަށް ދިވެހި އުފެއްދުންތައް އެކްސްޕޯޓު ކުރުން މުހިންމު ކަމަށް ސަރުކާރުން ފާހަގަކުރައްވައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް