ރަށު ފަތުރުވެރިކަމުގެ މަސައްކަތްތައް ކުރުމަށް ޚާއްސަ ތަޢާރަފުކުރި "ތިޖާރާ ރަށު ފަތުރު" ސްކީމަށް ކުރިމަތިލުމުގެ ފުރުޞަތު އެސްއެމްއީ ޑިވަލޮޕްމެންޓް ފައިނެންސް ކޯޕަރޭޝަން، އެސްޑީއެފްސީން ހުޅުވާލައިފިއެވެ.
އެސްޑީއެފްސީން ވިދާޅުވީ މި ސްކީމަކީ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އިސްލާމީ ޝަރިއްޔާގެ އުޞޫލުން ލޯނުދިނުމަށް އުފެއްދި ސްކީމެއް ކަމަށެވެ. އެގޮތުން ގެސްޓްހައުސް އިމާރާތްކުރުމަށާއި ފަތުރުވެރިކަމުގެ ސިނާޢަތުގައި ތަފާތު ވިޔަފާރި ހަރަކާތްތައް ހިންގުމަށްވެސް ލޯނަށް އެދި ހުށައެޅޭނެ ކަމަށާއި ގެސްޓްހައުސް މަރާމާތުކޮށް ނުވަތަ އިމާރާތް އިތުރަށް ކުރިއެރުވުމަށާއި ގެސްޓްހައުސްގައި ރެސްޓޯރަންޓް، ކެފޭ ނުވަތަ ވޯޓަރ ސްޕޯޓްސްފަދަ ފަތުރުވެރި ހަރަކާތްތައް ފެށުމަށާއި ޓެކްނޮލޮޖީގެ އެހީގައި ވިޔަފާރިކުރިއެރުވުމަށް ވެސް މި ސްކީމުގެ ދަށުން ފައިސާ ދޫކުރާނެކަމަށް އެސްޑީއެފްސީން ވިދާޅުވިއެވެ. އެސްޑީއެފްސީން މިހާރު ސްކީމަށް އެދުމުގެ ފުރުޞަތު ހުޅުވާލާފައިވާއިރު، މި ލޯނަށް އެސްއެމްއީ ޕޯޓަލް މެދުވެރިކޮށް ހުށައެޅޭނެއެވެ. މި ލޯން ސްކީމްގެ ދަށުން 5،000،000 މިލިޔަން ރުފިޔާއާ ހަމައަށް ފައިސާ ދޫކުރާނެއެވެ. މި ސްކީމުގެ ދަށުން ނަގާ ފައިސާ ދެއްކުމަށް ގްރޭސް މުއްދަތުގެ ގޮތުގައި 18 މަސް ދުވަސްދޭއިރު، ލޯން ދެއްކުމަށް ގިނަވެގެން 10 އަހަރު ދުވަހުގެ މުއްދަތެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.Applications are now open for Thijarah Rashu Fathuru Shariah-Compliant Financing Facility introduced with the strategic objective of supporting the growth of local tourism. pic.twitter.com/DDwu81y1bk
— SME Development Finance Corporation (@SDFC_mv) September 7, 2025
އެސްޑީއެފްސީން ވިދާޅުވީ ފައިނެންސިން ރޭޓްގެ ގޮތުގައި އަހަރަކު 9.5 އިންސައްތަ ދައްކަންޖެހޭނެ ކަމަށެވެ. އަދި ރަހުނެއް ދައްކަންޖެހޭނީ ސްކީމުން ނަގައި ފައިސާ ނުވަތަ ޖުމުލަ އެކްސްޕޯޝަރ 700،000 ރުފިޔާއަށްވުރެ މަތިވާނަމަކަމަށްވެސް އެސްޑީއެފްސީން ވިދާޅުވެއެވެ.





