މާލޭ ވިޔަފާރި ބަނދަރުގައި ނުގެންގޮސް ގިނަދުވަސްވެފައިވާ މުދާ ނީލަމުގައި ވިއްކާލަނީ

ރާއްޖެއަށް މުދާ އެތެރެކޮށް މާލޭ ވިޔަފާރި ބަނދަރުގައި ނުގެންގޮސް ގިނަދުވަހު ބެހެއްޓިފައިވާ މުދާތައް ނީލަމުގައި ވިއްކާލަން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ނިންމައިފިއެވެ.

އެމްޕީއެލް ވަނީ ނީލަން ކިޔުމަށް ނިންމާފައިވާ މުދަލުގެ ލިސްޓު އާންމުކޮށް، ނީލަން ކިޔާ މުދާ ބެލުމާއި ނަން ނޯޓުކުރުމުގެ ފުރުޞަތު ހުޅުވާލައިފައެވެ. މިގޮތުން އެމްޕީއެލް އިން ބުނީ 2025 ސެޕްޓެންބަރު 16 ވާ އަންގާރަ ދުވަހުގެ 15:30 ގެ ކުރިން އޮކްޝަން ޕޯޓަލް މެދުވެރިކޮށް މުދާ ބެލުމަށް އެދެވޭނެ ކަމަށާއި، މުދާ ބެލުން އޮންނާނީ ހަމަ އެ ދުވަހުގެ 16:30 ގައި ކަމަށެވެ.

މީގެ އިތުރުން، މުދާ ބެލުމަށް ޕޯޓު ސަރަހައްދަށް ވަދެވޭނީ ޕޯޓް ސޭފްޓީ މިންގަޑާއި އެއްގޮތަށް ބޫޓާއެކުއެވެ. މި ނީލަމުގައި ބައިވެރިވެވޭނީ އޮކްޝަން ޕޯޓަލްއަށް ސަބްސްކްރައިބް ކުރައްވާ ފަރާތްތަކަށް ކަމަށާއި، ނީލަން ކިޔުން އޮންނާނީ 2025 ސެޕްޓެންބަރު 17 ވާ ބުދަ ދުވަހުގެ 14:00 އިން 2025 ސެޕްޓެންބަރު 18 ވާ ބުރާސްފަތި ދުވަހުގެ 14:00 އަށް ކަމަށް އެމްޕީއެލް އިން ވަނީ ބުނެފައެވެ.

އަދި ސްކްރެޕް ގެ ގޮތުގައި ނީލަމުން ނަންގަވާ މުދާ ހަމައެކަނި ކްލިއަރ ކުރެވޭނީ ރީ-އެކްސްޕޯޓް ކުރެވޭ ގޮތަށް ކަމަށާއި، މުދާ ކްލިއަރ ކުރުމަށް ދެވޭނީ 10 ދުވަހުގެ ފްރީ ސްޓޯރޭޖް މުއްދަތެއް ކަމަށް އެމްޕީއެލް އިން ބުނެފައިވެއެވެ.

މާލޭ ވިޔަފާރި ބަނދަރުގައި މުދާ ނުގެންގޮސް އަބަދުވެސް ހުރެއެވެ. މިގޮތަށް މުދާ ނުގެންގޮސް ހުރުމުގެ ސަބަބުން ބަނދަރު ފުރި، މަސައްކަތަށް ދަތިވެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް