ކުޅުދުއްފުށީ ޕޯޓުގެ ހިދުމަތް ފުޅާކުރުމުގެ މަޝްރޫއާ ގުޅޭ އެއްބަސްވުމުގައި ސޮއިކޮށްފި

ހދ. ކުޅުދުއްފުށީ ވިޔަފާރި ބަނދަރު ބޮޑުކުރުމަށާއި ޑްރައި ބްލޮކް ސްޓޯރޭޖް ޤާއިމުކުރުމުގެ މަޝްރޫއާ ގުޅޭ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އެކަމަށްޓަކައި ކުޅުދުއްފުށީ ސިޓީގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. މި އެއްބަސްވުމުގައި މިނިސްޓްރީ އޮފް އިކޮނޮމިކް އެންޑް ޓްރޭޑްގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު މުޙައްމަދު ސަޢީދު، އަދި އެމްޕީއެލްގެ ފަރާތުން، އެ ކުންފުނީގެ ސީއީއޯ ޑީިސީޕީ ރިޓަޔާޑް މުޙައްމަދު ރިޝްވާނެވެ.

މާލޭ އާރބަން ރީޖަންގެ އިތުރުން، މަތީ ފަންތީގެ ޚިދުމަތް ލިބޭ ސަރަހައްދެއްގެ ގޮތުގައި ތަރައްޤީކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަނޑައަޅުއްވާފައިވާ އުތުރުގެ ތަރައްޤީގެ ޒޯނުގައި ކުޅުދުއްފުއްޓަކީ، މުހިންމު މަންޒިލެކެވެ. އަދި މި ސަރުކާރުން އަތޮޅުތެރޭގައި ވިޔަފާރި ކުރިއެރުވުމާއި ދަތުރުފަތުރާ މުދާ ފޯރުކޯށްދިނުމުގެ ނިޒާމު ހަރުދަނާކުރުމަށް އެކުލަވާލާފައިވާ ތަޞައްވުރުގެ ދަށުން، ކުޅުދުއްފުށީ ބަނދަރުން ކުރިން ނުލިބޭ މުހިންމު ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް ރާވައި އެ ޚިދުމަތްތައް ފޯރުކޯށްދިނުމަށް މިހާރު ވަނީ ތައްޔާރުވެފައި.

އެގޮތުން، ސަރުކާރުން ކަނޑައަޅުއްވާފައިވާ ސިޔާސަތުގެ ދަށުން، ކުޅުދުއްފުށީ ޕޯޓުން މުހިންމު ހަތަރު ޚިދުމަތެއް މިރޭ އިފްތިތާޙުކުރެވިގެންދިޔައިރު، މި ޚިދުމަތްތަކަކީ ކުޅުދުއްފުށީ ސިޓީއާއި ތިލަދުންމަތީގެ އަތޮޅުތކާއި ކައިރީގައި އޮތް އުތުރުގެ އެހެނިހެން އަތޮޅުތަކުގެ ރައްޔިތުންނަށްވެސް އޭގެ ސަބަބުން ގިނަ ފައިދާތަކެއް ލިބިގެންދާނެ ޚިދުމަތެކެވެ.

މީގެ ތެރެއިން އެންމެ މުހިންމު އެއް ޚިދުމަތަކީ ޑިއުޓީ ނުދައްކާ، ކާޑުގެ ބާވަތްތަކާއި ކާބޯތަކެތި އަދި އެހެނިހެން މުދާ ގުދަންކޮށް ބެހެއްޓޭނެ ބޮންޑަޑް ޒޯނުގެ ޚިދުމަތްކަން ފާހަގަކުރެވެއެވެ. މި ޒޯނު މެދުވެރިކޯށް އެ ސަރަހައްދުގައި ވަރަށް ކުޑަ އަގެއްގައި ވިޔަފާރިވެރިންނަށް މުދާ ބެހެއްޓޭނެ އިންތިޒާމް ހަމަޖެހިގެންދާނެއެވެ.

އަދި ޓޫރިސްޓު ރިސޯޓުތަކަށް ގެންނަ ރެސްޓްރިކްޓަޑް މުދާ ކުޅުދުއްފުށީ ބަނދަރުގައި ބެހެއްޓޭނެގޮތަށް ބޮންޑަޑް ވެއަރ ހައުސްގެ ޚިދުމަތްވެސް ފެށިގެންދާނެއެވެ. މީގެ ސަބަބުން އުތުރުގެ ރިސޯޓު ވިޔަފާރިތަކަށް ރެސްޓްރިކްޓެޑް މުދާ ފޯރުކޮށްދިނުމަށް ކުރަންޖެހޭ ހޭދަ ދަށްކުރެވި، ލުއި ފަސޭހަތަކެއް ލިބިގެންދާނެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް