ޓެކްސީވޭ ޗާލީގެ ފޭސް 1 ރަސްމީކޮށް އެމްއޭސީއެލް އާ ހަވާލުކޮށްފި
ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ ޓެކްސީވޭ ޗާލީ ތަރައްޤީކުރުމުގެ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހި ނިންމައި ރަސްމީކޮށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާ ހަވާލުކޮށްފިއެވެ. ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ) އާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ މަސައްކަތް ފަށާފައިވަނީ 10 އޭޕްރީލް 2025 ގައެވެ. ވީއައިއޭގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ، މުޖުތަބާ ލަޠީފް ވަނީ މި މަޝްރޫޢުގެ ފުރަތަމަ ފިޔަވަހި ނިމުނުކަމުގެ ހަނދާނީ ލިޔުން ބީޔޫސީޖީ އަށް އަރުވައިފައެވެ. 3،200 މީޓަރުގެ ދިގު ޓެކްސީވޭ ޗާލީ ތަރައްޤީކުރުމުގެ މަޝްރޫޢުގެ ފޭސް 1 ގެ މަސައްކަތް ނިމިފައިވާ ކަމުގައި ވީއައިއޭ އިން ހާމަކޮށްފައިވަނީ މި އޮގަސްޓު މަހުގެ 12 ވަނަ ދުވަހުއެވެ. މި މަޝްރޫޢުގެ މަސައްކަތް ނިމުމުން މަތިންދާބޯޓާއި ފަސިންޖަރުންނަށް މިހާރަށްވުރެ ރަނގަޅަށް ހިދުމަތް ފޯރުކޮށްދެވި، އަލުން ގެނެވޭ ތަރައްގީއާއެކު ޓެކްސީވޭ އިމަޖެންސީ ރަންވޭއެއްގެ ގޮތުގައި ވެސް ބޭނުންކުރެވޭނެ ކަމަށް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން މައުލޫމާތުދެއެވެ. ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މީގެކުރިން ވަނީ ކޯޑް-އެފް ރަންވޭ އާއި ޓާމިނަލްތަކުގެ އިތުރުން ފިއުލް ފާމްގެ މަރާމާތުގެ މަސައްކަތް ވަނީ ކޮށްފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް