އައްޑޫ ސިޓީ މީދޫ އަވަށުން 09 ބިން ކުއްޔަށް ދޫކުރުމަށް ނިންމައިފި

އައްޑޫ ސިޓީ މީދޫ އަވަށުން 09 ބިން ކުއްޔަށް ދޫކުރުމަށް ނިންމައިފިކަމަށް އައްޑޫ ސިޓީ ކައުންސިލުން އިއުލާނުކޮށްފިއެވެ.

އައްޑޫ ސިޓީ ކައުންސިލުން ކުރި އިޢުލާނެއްގައި ބުނެފައިވަނީ އައްޑޫސިޓީ މީދޫ އަވަށުން ބިން ކުއްޔަށް ހިފަން ޝައުޤުވެރިވެލައްވާ ރަޖިސްޓްރީ ކޮށްފައިވާ ފަރުދުންގެ ވިޔަފާރި، ކުންފުނި އަދި ޕާޓްނަރޝިޕްތަކަށް ފުރުޞަތު ހުޅުވާލާފައިވާ ކަމަށެވެ.

މިގޮތުން މީދޫ ކޮމާޝަލް ޒޯނުން އަށް ބިމަކާއި، ލައިޓް އިންޑަސްޓްރިއަލް ޒޯނުން އެއް ބިން ދޫކުރުމަށް ކައުންސިލުން ވަނީ ނިންމައިފައެވެ.

ސިޓީ ކައުންސިލްގެ އިޢުލާނުގައިވާ ގޮތުން ބީލަމުގައި ރަޖިސްޓްރީވުމުގެ ފުރުޞަތު މާދަމާއިން ފެށިގެން ސެޕްޓެންބަރު 01 ވަނަ ދުވަހުގެ 14:00 ގެ ނިޔަލަށް ވަނީ ހުޅުވާލައިފައެވެ. ބީލަމުގައި ރަޖިސްޓްރީވުމަށް 300.00 (ތިންސަތޭކަ) ރުފިޔާގެ ނަން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީ އެއް ދައްކަންޖެހޭނެއެވެ.

އަދި ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރޭޝަން ފުރިހަމަ ކުރުމަށް، ދެވިފައިވާ މުއްދަތުގެ ތެރޭގައި ބީލަމުގައި ރަޖިސްޓްރީވުމަށް، ބީލަން ގަތުމަށް ބޭނުންވާ ކުލީ ބިމުގެ ނަންބަރު، ބީލަން ގަންނަ ފަރާތުގެ ނަން، އެޑްރެސް، ގުޅޭނެ ނަންބަރު، އީ-މެއިލް އެޑްރެސް އެނގޭނެހެން އީމެއިލް މެދުވެރިކޮށް ރިކުއެސްޓްކޮށް، ފައިސާ ޑިޕޮޒިޓް ކުރުމަށްފަހު، ފައިސާ ޖަމާކުރި ކަމުގެ ސްލިޕް މެއިލް ކުރަންވާނެ ކަމަށްވެސް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.

ސިޓީ ކައުންސިލުން އިތުރަށް ބުނީ ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރާ ފަރާތްތަކަށް ބިން ކުއްޔަށް ދޫކުރުމަށްޓަކައި ދެވޭ މަޢުލޫމާތު ކަރުދާސް އަދި ބީލަން ހުށަހަޅާ ފޯމް އެ އިދާރާއިން މެއިލް ކުރާނެ ކަމަށެވެ.

ބީލަން ބަލައިގަތުމާއި ބީލަން ހުޅުވުން އޮންނާނީ 16 ސެޕްޓެންބަރު 2025 ގެ 10:00 ގައި މީދޫ އަވަށު އޮފީހުގައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް