އައު ޓާރމިނަލްއިން ޚިދުމަތް ދިން ފުރަތަމަ ލަގްޒަރީ އެއަރލައިނަކަށް ބިއޯންޑް

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ އައު ޕެސެންޖަރ ޓަރމިނަލް، ޓީ1 އިން ލަގްޒަރީ އެއާލައިން، ބިއޯންޑް އެއާލައިންސް އަށް ޚިދުމަތް ދޭން ފަށައިފިއެވެ.

މިގޮތުން އައު ޓަރމިނަލުން ބިއޯންޑްގެ އޮޕަރޭޝަންތައް ފަށާފައިވަނީ ޑިޕާޗަރ ސަހައްދުގައި ބޭއްވި ރިބަން ކެނޑުމުގެ ޚާއްޞަ ރަސްމިއްޔާތަކުންނެވެ.

26 ޖުލައި 2025 ގައި ހުޅުވި ވީއައިއޭގެ އައު ޓަރމިނަލުން އެންމެ ފުރަތަމަ ޚިދުމަތް ދީފައިވަނީ މޯލްޑިވިއަންގެ އެއާބަސް އޭ330 މަތިންދާބޯޓަށެވެ. އޭގެ ފަހުން އައު ޓަރމިނަލުން ޚިދުމަތް ދޭން ފެށީ އެއާ އަރަބިއާ އަށެވެ. ވީއައިއޭގެ ޓީ1 އިން ޚިދުމަތް ދޭން ފެށި ތިންވަނަ އެއާލައިނަކީ ބިއޯންޑެވެ.

ރާއްޖޭގެ ތާރީޚާއި ޘަޤާފަތާއި ދީނީ ތަރިކަ ރަމްޒުކޮށްދޭ ހިރިގަލުގެ ފަންނުވެރި ކެނޑުންތަކުން ފަރުމާކޮށްފައިވާ އައު ޓަރމިނަލްގައި، ރާއްޖޭގެ ހިތްގައިމު ކަނޑުގެ މަންޒަރުތަކާއި ޤުދުރަތީ ރީތި ރަށްތަކުގެ ނަލަކަމާއި ކުލަތައް ހިމަނާފައިވެއެވެ.

އައު ޓަރމިނަލުގައި 47 ޗެކިންގ ކައުންޓަރާއި، 6 ސެލްފް ސަރވިސް ކައުންޓަރާއި، 20 ޑިޕާޗަރ އިމިގްރޭޝަން ކައުންޓަރާއި 6 ޕެސެންޖަރ ބޯޑިންގ ގޭޓާއި 12 އޭރޯ ބްރިޖް ހުރެއެވެ. އަދި މި ޓަރމިނަލަކީ އަހަރެއްގެ މައްޗަށް 7 މިލިޔަން މީހުންނަށް ޚިދުމަތް ދެވޭ ފެންވަރަށް ތަރައްޤީކޮށްފައިވާ ޓަރމިނަލެކެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ކުރީގެ ޓަރމިނަލް ހުޅުވީ 1981 ވަނަ އަހަރުގައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް