މީގެ އިތުރުން، އެމްއޭސީއެލްގެ ސީއީއޯ ޝަރީފު ވަނީ އިނގިރޭސި ހައިކޮމިޝަނުން އެމްއޭސީއެލަށް ހަދިޔާކުރި ތަކެއްޗަށާއި އެ ކުންފުންޏާ ދޭތެރޭގައި ހައިކޮމިޝަނުން ބަހައްޓަވާ ގާތްކަމާއި ދެއްވާ އެއްބާރުލުމާއި އެހީތެރިކަމަށް ޝުކުރު އަދާކުރައްވައިފައެވެ. އަދި އެމްއޭސީއެލްއަކީ ރާއްޖޭގެ އިގުތިސާދުގެ މައި ދޮރޯށި ބަލަހައްޓާ ކުންފުނި ކަމަށްވާ އިރު، ރާއްޖެއާއި ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް ކުއްލި ހާލަތްތަކުގައި އަމަލުކުރާނެ ވަރުގަދަ އުސޫލުތަކާއި ގަވާއިދުތައް އެ ކުންފުނީގައި ކަނޑައަޅައި ތަންފީޒު ކުރަމުން އަންނަ ކަމަށާއި ޚާއްސަކޮށް ދިމާވެދާނެ ކުއްލި ހާލަތަކަށް ރާއްޖެއާއި ރާއްޖެއިން ބޭރުން މުވައްޒަފުން ތަމްރީނުކޮށް، ގާބިލު ބަޔަކަށް ހެދުމަކީ ކުންފުނިން ނުހަނު އިސްކަންދީގެން ކުރަމުން އަންނަ މަސައްކަތެއް ކަމަށް ޝަރީފް ވިދާޅުވިއެވެ.

އެމްއޭސީއެލުން ބުނީ އިނގިރޭސި ހައިކޮމިޝަނުން އެމްއޭސީއެލަށް ހަދިޔާކުރި މި ތަކެއްޗަކީ ރާއްޖޭގެ ރައްޔިތުން ކުއްލި ހާލަތްތަކަށް ތައްޔާރުކޮށް، އެފަދަ ހާލަތްތަކުގައި އަމަލުކުރާނެ ގޮތުގެ ގާބިލުކަން އިތުރުކުރުމުގެ މަގުސަދުގައި އިނގިރޭސިވިލާތުގެ ސަރުކާރުން ހިންގަމުން އަންނަ ޕްރޮޓެކްޓިވް ސެކިއުރިޓީ އެންޑް އެޓޭކް ރެސްޕޮންސް ޕްރޮގްރާމް (ޕީއެސްއޭއާރުޕީ) ގެ ދަށުން ހަދިޔާކުރި ތަކެތި ކަމަށެވެ.