ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދެ ދައުރުގެ މަސައްކަތްތައް ނިންމައި ޗުއްޓީއަށް ދިޔައިރު ޖުމްލަ 24 ބިލެއްގެ މަސައްކަތް ނިމިފައިވާ ކަމަށް މަޖިލީހުގެ އިދާރާއިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އެއީ ފުރަތަމަ ދައުރުގައި ނިންމި 10 ބިލަކާއި ދެވަނަ ދައުރުގައި ނިންމި 14 ބިލެކެވެ. މިވަގުތު މަޖިލީހުގައި ނުނިމި އޮތީ 23 ބިލެއްގެ މަސައްކަތެވެ.
މިއަހަރުގެ މިހާތަނަށް މަޖިލީހުން ފާސްކުރި މުހިންމު ބިލުތަކުގެ ތެރޭގައި ލާމަރުކަޒީ ޤާނޫނަށް ގެނައި އިސްލާޙުތަކާއި، އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓް ކުރުމުގެ ބިލާއި، ޓެކްސް އަދި ބޭރުފައިސާއާބެހޭ ޤާނޫނަށް ގެނައި އިސްލާޙުތަކުގެ އިތުރުން އެއްގަމު ދަތުރުފަތުރުގެ ބިލު ހިމެނެއެވެ. މީގެ އިތުރުން ވަޒީރުންނާ ކުރުމަށް ހުށަހެޅި 96 ސުވާލެއްގެ މަސައްކަތް ނިންމާފައިވާއިރު، މަޖިލީހަށް ހުށަހެޅުނު 215 މައްސަލައިގެ ތެރެއިން 106 މައްސަލައެއްގެ މަސައްކަތް ވަނީ އެއްކޮށް ނިންމާލާފައެވެ.



