ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް 19 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ތަޞްދީޤުކުރައްވައިފިއެވެ.
2026 އޮގަސްޓު 26 ވީ ބުދަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއިން ފާސްކުރި މި އިޞްލާޙުގެ މައިގަނޑު މަޤްޞަދަކީ ސަރުކާރުގެ ތަރައްޤީގެ މަޝްރޫޢުތައް ހަލުވިކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި ކައުންސިލްތަކުގެ ފުރިހަމަ އެއްބާރުލުން ކަށަވަރުކުރުމާއި، މަޝްރޫޢުތަކަށް ބޭނުންވާ ބިންތަކާ ގުޅޭ އިޖުރާއަތްތައް ހަރުދަނާކުރުމެވެ. އެގޮތުން ކައުންސިލްތަކުގެ އިޚްތިޞާޞްގެ ތެރޭގައި ހިމެނޭ ބިންތައް ވަކިކުރުމުގެ ކުރިން ޤައުމީ އިދާރާއިން ފުރިހަމަކުރަންޖެހޭ ކަންކަން ބިލުގައި ބަޔާންކޮށްފައިވެއެވެ.
މީގެއިތުރުން، އަތޮޅުތަކުގައި ޚިދުމަތް ދިނުން ހަރުދަނާކުރުމަށްޓަކައި އިންޓަގްރޭޓަޑް ސަރވިސް ސެންޓަރުތައް ޤާއިމުކުރުމަށް ބިލުގައި ހިމަނާފައިވާއިރު، ކުރިން އަތޮޅު ކައުންސިލްތަކުގެ ބެލެހެއްޓުމުގެ ދަށުގައި ހުރެ 17 ވަނަ އިޞްލާޙާއެކު އެލްޖީއޭއަށް ބަދަލުކުރެވުނު މުދަލާއި ވަސީލަތްތައް، މި އިޞްލާޙަށް ޢަމަލުކުރަން ފެށުމާއެކު މާލީ ކަންކަން ހިންގުމާބެހޭ ވުޒާރާގެ ދަށަށް ބަދަލުވާނެއެވެ. ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަޞްދީޤުކުރައްވައި، ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރުމާއެކު މި އިޞްލާޙަށް މިހާރު ވަނީ އަމަލުކުރަން ފަށާފައެވެ.



