މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއާއި މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓް (އެމްއެމްއާރްއައި) ގުޅިގެން ހިންގާ މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމްގެ ތިންވަނަ ބުރުގައި ބައިވެރިވުމުގެ ފުރުޞަތު 15 ފަރާތަކަށް ވަނީ ހުޅުވާލައިފައެވެ.
ވޯލްޑް ބޭންކުގެ އެހީގައި ކުރިއަށްގެންދާ މި ޕްރޮގްރާމަކީ ފަރުމަސް އާލާކުރުމުގެ ދާއިރާއިން ފަންނީ ހުނަރު އުނގަންނައިދިނުމަށް ކ. މަނިޔަފުށީގައި ބާއްވާ 14 ދުވަހުގެ ތަމްރީނު ކޯހެކެވެ.
އަންނަ މަހުގެ 10 އިން 21 ގެ ނިޔަލަށް ކުރިއަށްދާ މި ކޯހުގައި އެކުއަކަލްޗަރ ނިޒާމުތަކާއި، ފާނައާއި ހުއިފިލަނޑާއާއި ދިވެހި މާގަނޑުމަހުގެ އިތުރުން އިތާމުތާއި މޫދުވިނަ އާލާކުރުމާއި ބަލިތަކުން ރައްކާތެރިވުމުގެ ފިލާވަޅުތައް ކިޔަވައިދޭނެއެވެ. މި ތަމްރީނުގައި ބައިވެރިވާން އެދޭ ފަރާތްތަކުން މިމަހުގެ 17 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ފޯމާއި އައިޑީ ކާޑު ކޮޕީ [email protected] އަށް އީމެއިލް ކުރަންޖެހޭނެއެވެ.
މި ޕްރޮގްރާމަށް ބައިވެރިން ހޮވުމުގައި ފޯމު ހުށަހަޅާ ތަރުތީބަށް އިސްކަންދޭއިރު، މާލެއާއި މަނިޔަފުއްޓާ ދެމެދު ކުރާ ދަތުރުތަކާއި، ބައިވެރިންގެ ހުރުމާއި ކެއުމުގެ އިންތިޒާމު އެމްއެމްއާރްއައިގެ ފަރާތުން ހަމަޖައްސައިދޭނެއެވެ.



