މި ސަރުކާރުން ވެރިކަމާއި ހަވާލުވުމަށްފަހު މިހާތަނަށް އައިއިރު މަސްވެރިން ބާނާ މަހަށް 2.2 ބިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާ ކަމަށާއި، ގިނަ ގޮންޖެހުންތައް ގިރާކުރުމަށްފަހު ބާނާ މަހަށް މިހާރު 48 ގަޑިއިރުތެރޭ ބަރާބަރަށް މަސްވެރިންނަށް ފައިސާ ދޫކުރަމުން އަންނަ ކަމަށް މަސްވެރިކަމާއި ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު ވިދާޅުވީ، މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާއްސަ އިސްކަމެއް ދެއްވައިގެން ގިނަ ސިޔާސަތުތަކެއް އެކުލަވާލައްވާފައިވާ ކަމަށެވެ. އެގޮތުން ވެރިކަމާ ހަވާލުވިިއިރު ކުރީ ސަރުކާރުން ދޫކޮށްލާފައިވާ 250 މިލިއަން ރުފިޔާގެ ބެކްލޮގް ހަލާސްކޮށް، މަސްވެރިންގެ ޕޭމެންޓުތައް ގަވާއިދުން ދެއްކޭނެ އިންތިޒާމު ސަރުކާރުން ވަނީ ހަމަޖައްސައިދީފައެވެ.
މީގެއިތުރުން، މަސްވެރި އުޅަނދުތަކަށް ދިމާވާ ތެލުގެ މައްސަލައަށް އަލިއަޅުވާލައްވަމުން ވަޒީރު ވިދާޅުވީ، މ އަތޮޅާއި ލ އަތޮޅު ފިޔަވައި ރާއްޖޭގެ ސަރަހައްދުތަކުން އެސްޓީއޯ ރޭޓުގައި މަސްވެރިންނަށް ތެޔޮ ލިބޭނެ ގޮތް ހަދައިދީފައިވާ ކަމަށެވެ.
އަދި ބޮޑުކަންނެލި މަސްވެރިންނަށް ވެސް ހެޔޮ އަގުގައި ތެޔޮ ފޯރުކޮށްދެމުންދާކަން ފާހަގަކުރެއްވިއެވެ. މ އަތޮޅާއި ލ އަތޮޅުގައި އެސްޓީއޯގެ ޝެޑްތައް ގާއިމުކުރުމުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށް ވިދާޅުވިއެވެ.
މަސް ރައްކާކުރެވޭނެ ވަސީލަތްތައް މަދުވުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި 7 އަތޮޅެއްގައި 11،000 ޓަނަށްވުރެ ގިނަ މަސް ރައްކާކުރެވޭނެ ކޯލްޑް ސްޓޯރޭޖް މަޝްރޫއުތައް ކުރިއަށްދާއިރު، ފެލިވަރުގެ ކޯލްޑް ސްޓޯރޭޖް އަންނަ ޑިސެމްބަރު މަހަށް ނިންމުމަށް ސަރުކާރުން ވަނީ އަމާޒު ހިފާފައެވެ.



