ވަގު ޑޮލަރުތަކެއް ގެންގުޅެ، އެނގިހުރެ ސައްހަ ނޫން އެއްޗެއްގެ ތެދުކަން ދައްކަން އުޅުމުގެ ކުށުގައި ގދ. ގައްދޫ، ދިލާވަރުގޭ ޝަފުރާ އަބްދުﷲ އާދަމް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
ޝަރީއަތުގައި ދައުވާއަށް އިއުތިރާފުވުމާ ގުޅިގެން އޭނާގެ މައްޗަށް އިއްވީ ތިން މަހާއި 18 ދުވަހުގެ ޖަލު ހުކުމެކެވެ. ނަމަވެސް، ތަހުގީގު މުއްދަތުގައި ބަންދުގައި ހުރި 43 ދުވަސް އުނިކުރުމުން އޭނާ މި މައްސަލައިގައި ތަންފީޒު ކުރަންޖެހޭނީ ދެ މަހާއި ފަސް ދުވަހުގެ ހުކުމެކެވެ.
މި މައްސަލައަކީ 2022 ވަނަ އަހަރުގެ ނޮވެމްބަރު މަހު ސައްހަ ނޫން ޑޮލަރުން ވިޔަފާރިކުރާ ކަމަށް ފުލުހުންނަށް ލިބުނު އިންޓެލިޖެންސް މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ފެންމަތިވި މައްސަލައެކެވެ.
މީގެ އިތުރުން، މި މައްސަލައިގައި ހިމެނޭ ޝަފުރާއަކީ ކުރިން ކުޑަކުއްޖަކަށް މާރާމާރީ ހިންގި މައްސަލައަކާއި، އާއިލާއަށް ފިލައިގެން އުޅުނު ކަމަށް ތުހުމަތު ކުރެވުނު މައްސަލައެއްގައިވެސް ހޯދަން ފުލުހުން އިއުލާންކޮށްފައިވާ މީހެކެވެ.




