ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) ގެ މެންބަރުކަމުގެ މަގާމަށް، ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ޕާމަނެންޓް ސެކްރެޓަރީ ޝައްމޫން ހަމީދު އައްޔަންކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފުރިހަމަ ރުހުން ދީފިއެވެ.
އެޗްއާރްސީއެމްގެ މިހާރުގެ މެންބަރު ސަމާއު އަހުމަދު ނަޖީބުގެ ދައުރު ހަމަވާތީ، އެ މަގާމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުއްވީ ޝައްމޫނާއި ސަމާއުގެ ނަންފުޅެވެ. މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި ޝައްމޫނަށް ރުހުން ދިނުމަށް ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 57 މެންބަރުންގެ އިއްތިފާގުންނެވެ.
މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީން އެ ދެ ބޭފުޅުންނާ އިންޓަވިއު ކުރުމަށްފަހު އެކުލަވައިލި ރިޕޯޓުގައި އެންމެ މަތިން މާކްސް ލިބިވަޑައިގަތީވެސް ޝައްމޫނަށެވެ. އެގޮތުން ޝައްމޫނަށް 92 މާކްސް ލިބިވަޑައިގަތްއިރު، ސަމާއުއަށް ލިބިވަޑައިގަތީ 86 މާކްސްއެވެ. އައްޔަންކުރަން ރުހުން ދެއްވި ޝައްމޫނަކީ ހެރިޓޭޖް މިނިސްޓްރީގެ ޕާމަނެންޓް ސެކްރެޓަރީ ކަމުގެ އިތުރުން، އެޗްއާރްސީއެމްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުވެސް ކުރިން ފުރުއްވާފައިވާ، އިދާރީ ގޮތުން ތަޖުރިބާކާރު ބޭފުޅެކެވެ.
މިއަދުގެ ޖަލްސާގައި ކޮމިޓީ ރިޕޯޓަށް ބަހުސްކުރައްވަމުން ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ) ވަނީ ކޮމިޓީން މާކްސް ދިން ގޮތާމެދު ސުވާލު އުފައްދަވާފައެވެ. ޒިޔާދު ވިދާޅުވީ 92 މާކްސް ލިބުނު ޝައްމޫން މާސްޓާސް ޑިގްރީ ހާސިލުކުރައްވާފައިވަނީ މިއުޒިކްގެ ދާއިރާއިން ކަމަށާއި، 86 މާކްސް ލިބުނު ސަމާއު ތައުލީމު ހާސިލުކުރައްވާފައިވަނީ ހިއުމަން ރައިޓްސް ލޯގެ ދާއިރާއިން ކަމަށެވެ. އެހެންކަމުން، މަގާމާ ގުޅުންހުރި ދާއިރާއަށްވުރެ މިއުޒިކް ދާއިރާއަށް ގިނައިން މާކްސް ލިބިފައިވާކަމަށް ވިދާޅުވެ، ޒިޔާދު ތުހުމަތުކުރެއްވީ ކޮމިޓީން އެގޮތަށް މާކްސް ދިނީ ރައީސް ފޮނުއްވި ލިސްޓުގެ ކުރީގައި ޝައްމޫންގެ ނަންފުޅު އޮތުމުން ކަމަށެވެ.
އެ ތުހުމަތުތަކަށް ރައްދު ދެއްވަމުން މަޖިލީހުގެ މެޖޯރިޓީ ލީޑަރު އިބްރާހީމް ފަލާހު ވިދާޅުވީ، ކޮމިޓީން މާކްސް ދިނުމުގައި ގުޅުންހުރި ދާއިރާއިން ހާސިލުކޮށްފައިވާ ތައުލީމަށް ހަމަޖައްސާފައިވަނީ ޖުމްލަ މާކްސްގެ 20 އިންސައްތަ ކަމަށެވެ. އެހެންކަމުން، ތައުލީމުގެ ބައިން ފުރިހަމައަށް މާކްސް ލިބުނު ނަމަވެސް އެހެން ދާއިރާތަކުން މާކްސް މަދުވުމުގެ ފުރުސަތު އޮންނާނެކަމަށް ފަލާހު ފާހަގަކުރެއްވިއެވެ. ކޮމިޓީ ރިޕޯޓުގައިވާ ގޮތުން މާކްސް ދެނީ ތައުލީމާއި ތަޖުރިބާ ހިމެނޭ ގޮތަށް ޖުމްލަ އަށް ކަމަކަށް ބަލައިގެންނެވެ. އޭގެ ތެރޭގައި ލިބިފައިވާ ތަޖުރިބާއާއި މަގާމުގެ މަސައްކަތާ ހުރި ގުޅުމަށް 15 މާކްސް ޚާއްޞަކުރެވިފައިވެއެވެ.




