2030 ވަނަ އަހަރާ ހަމައަށް ރާއްޖޭގައި ޑޮލަރުން މުސާރަ ދިނުމާއި އެތެރޭގެ ހުރިހާ މުއާމަލާތްތަކެއް ދިވެހި ރުފިޔާއަށް ބަދަލުކުރަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އަމާޒު ހިފާފައިވާތީ، ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންގެ އާމްދަނީ ކުޑަވާނެ ނުވަތަ ޑޮލަރުން ލިބޭ މުސާރައާއި ސާވިސް ޗާޖު ރުފިޔާއަށް ބަދަލުވާނެ އެއްވެސް ނިންމުމަކަށް ތާއީދުނުކުރާނެ ކަމަށް ޓޫރިޒަމް އެމްޕްލޯއީސް އެސޯސިޝަން އޮފް މޯލްޑިވްސް (ޓީމް) އިން ވަނީ ބުނެފައެވެ.
ޓީމުން ނެރުނު ބަޔާނެއްގައި ބުނީ ރާއްޖެއަށް ކުރިމަތިވެފައިވާ ޑޮލަރުގެ ދަތިކަމަކީ ސަރުކާރުގެ ދޯހަޅި ސިޔާސަތުތަކުގެ ނަތީޖާ ކަމަށާއި، އާއިލާއާ ދުރުގައި މަސައްކަތްކުރާ މުވައްޒަފުންގެ މުސާރައާއި ސާވިސް ޗާޖު ރުފިޔާއަށް ބަދަލުކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
އަދި ރަސްމީ ރޭޓު ކަމަށްވާ 15.42 ރުފިޔާއިން މުވައްޒަފުންނަށް ބޭނުންވާ ވަރަށް ޑޮލަރު ލިބޭނެކަމުގެ ފުރިހަމަ ޔަގީންކަން ސަރުކާރަށް ނުދެވޭނަމަ، މިފަދަ ބަދަލެއް ގެނައުމަކީ މުވައްޒަފުންނަށް ލިބޭނެ ނުހަނު ބޮޑު ގެއްލުމެއް ކަމަށްވެސް ފާހަގަކޮށްފައިވެއެވެ.
އެހެންކަމުން، ބޭރު ފައިސާގެ ދަތިކަން ހައްލުކުރުމަށްޓަކައި މުވައްޒަފުންގެ އާމްދަނީއަށް އަސަރުކުރާ ފިޔަވަޅުތައް އެޅުމުގެ ބަދަލުގައި، ސަރުކާރުގެ ބޭކާރު ހަރަދުތައް ކުޑަކުރުމަށާއި، ޓޫރިޒަމް ސިނާއަތުން ލިބޭ ބޭރު ފައިސާ ރަނގަޅު ގޮތުގައި މެނޭޖުކުރުމަށް ޓީމުން ވަނީ ސަރުކާރަށް ގޮވާލާފައެވެ.
އަދި މުވައްޒަފުންގެ މުސާރައަށް އަސަރުކުރާފަދަ އެއްވެސް ފިޔަވަޅެއް އަޅަންވާނީ އެންމެ ފަހު ފިޔަވަޅެއްގެ ގޮތުގައި، މުވައްޒަފުންނާއި މުވައްޒަފުން ތަމްސީލުކުރާ ފަރާތްތަކާއެކު ފުރިހަމައަށް މަޝްވަރާކުރުމަށްފަހު ކަމަށްވެސް ބުނެފައިވެއެވެ.




