ރިސޯޓުތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 ޕަސެންޓު އެމްއެމްއޭ މެދުވެރިކޮށް މާރުކުރަން މަޖުބޫރުކުރާ ނިންމުމާ ދެކޮޅަށް ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ކުއްލި މައްސަލަ ބޭރުކޮށްލައިފިއެވެ.
ރިޔާސަތުން މަޖިލީހުގެ ނައިބު ރައީސް އަހުމަދު ސަލީމް ވިދާޅުވީ، ބޭރު ފައިސާއާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު މާލިއްޔަތު ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓު ޖަލްސާއަށް އެޖެންޑާކޮށްފައި އޮތުމުން، މަޖިލީހުގެ ގަވާއިދުގެ ދަށުން އެ މައްސަލަ ކުއްލި މައްސަލައެއްގެ ގޮތުގައި ބަލައިގަނެވެން ނެތް ކަމަށެވެ.
މެންބަރު މައުރޫފް ހުށަހެޅުއްވި މައްސަލައިގައި ފާހަގަކުރައްވާފައިވަނީ ޖުމްލަ އާމްދަނީގެ 40 ޕަސެންޓު މާރުކުރަން މަޖުބޫރުކުރުމާއި، މާރުކުރުމުގެ މުއްދަތު ތިން މަހުން އެއް މަހަށް ކުރުކުރުމަކީ ފަތުރުވެރިކަމުގެ ސިނާއަތަށާއި އިގުތިސާދަށް ބޮޑެތި ލޮޅުންތަކެއް އަރާނެ ކަމެއް ކަމަށެވެ.
އަދި ރިސޯޓުތަކުން ތެލާއި، މުވައްޒަފުންގެ މުސާރައާއި، ސާވިސް ޗާޖުގެ އިތުރުން ބޭރުގެ ބޮޑެތި ލޯނުތައް އަދާކުރަންޖެހެނީ ޑޮލަރުން ކަމަށްވާއިރު، މަޝްވަރާއެއް ނެތި މިފަދަ ނިންމުމެއް ނިންމުމަކީ ބޭއިންސާފެއް ކަމަށް މައްސަލައިގައި ބަޔާންކޮށްފައިވެއެވެ. މީގެއިތުރުން 146 ރިސޯޓު ތަމްސީލުކުރާ މަޓީންވެސް އެއީ ދެމެހެއްޓެނިވި ކަމެއް ނޫން ކަމަށް ބުނެފައިވާތީ، ސަރުކާރުން ސިނާއަތުގެ ފަރާތްތަކާއެކު މަޝްވަރާކޮށްގެން ހައްލެއް ހޯދުމަށް މައްސަލައިގައި ގޮވާލާފައިވެއެވެ.




