2030 ވަނަ އަހަރާ ހަމައަށް ރާއްޖޭގައި ހިންގާ ހުރިހާ މާލީ މުއާމަލާތްތަކެއް ދިވެހި ރުފިޔާއިން ކުރާ ގޮތަށް ބަދަލުކުރުމަކީ އެމްއެމްއޭގެ އަމާޒެއް ކަމަށް ގަވަރުނަރު އަޙްމަދު މުނައްވަރު ވިދާޅުވެއްޖެއެވެ.
މިހާރު ރާއްޖޭގައި ބޭރު ފައިސާ ބޭނުންކުރާ މިންވަރު 40 އިންސައްތައަށްވުރެ މަތީގައި އުޅޭއިރު، ދިވެހި ރުފިޔާގެ ޑިމާންޑް އިތުރުކުރުމަށްޓަކައި ޑޮލަރުން މުސާރަ ދިނުމާއި ފަތުރުވެރިކަމުގެ ބިމު ކުލި ޑޮލަރުން ދެއްކުން ފަދަ ކަންކަމަށް ބަދަލު ގެންނަންޖެހޭ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އަދި މެނޭޖްޑް-ފްލޯޓް ނިޒާމަކަށް ދާއިރު އެމްއެމްއޭގައި ވަރުގަދަ ރިޒާވެއް ހުންނަންޖެހޭނެތީ، ބަޖެޓުގެ ސިޔާސަތަށް މެކްރޯ ބަދަލުތަކެއް އަންނަންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.
ރިސޯޓުތަކަށް ލިބޭ ޑޮލަރުގެ 20 އިންސައްތަ މާރުކުރަން އޮތް އޮތުން 40 އިންސައްތައަށް ބަދަލުކުރުމަށާއި، ކޮންމެ 3 މަހަކުން ޑޮލަރު މާރުކުރަން އޮންނަ މުއްދަތު 1 މަސްދުވަހަށް ކުރުކުރުމަށް ބޭރު ފައިސާގެ ގާނޫނަށް އިސްލާހު ހުށަހަޅަން ވަނީ ނިންމާފައެވެ. މީގެއިތުރުން، ބޭރު ފައިސާގެ އާމްދަނީ ބޭންކު އެކައުންޓަށް ޖަމާކުރުން ލާޒިމުވާ މިންވަރު 15 މިލިއަން ޑޮލަރުން 25 މިލިއަން ޑޮލަރަށް މަތިކުރުމަށާއި، 100 އިންސައްތަ ދިވެހިން ހިއްސާވާ ވިޔަފާރިތަކަށް ފައިސާ މާރުކުރުމުގައި ލުއިގޮތްތަކެއް ހޯދައިދިނުން މި އިސްލާހުތަކުގެ ތެރޭގައި ހިމެނެއެވެ.




