ދިވެހި ވިޔަފާރިތަކަށާއި ބޭރުގެ އިންވެސްޓަރުންނަށް އީޖާދީ މަސައްކަތްތައް ކުރެވޭނެ ފަދަ ތަނަވަސް އިގްތިސާދެއް ބިނާކުރުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކުގެ ގްލޯބަލް ބިޒްނަސް ނެޓްވޯކް ފޯރަމް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ކުދި ޖަޒީރާ ގައުމުތަކަށް ހުރި ނާޒުކުކަމާއި ގޮންޖެހުންތަކާއެކުވެސް، އެ ގައުމުތަކަކީ ހުރަސްތައް އީޖާދީ ފުރުސަތުތަކަށް ބަދަލުކުރާ ސާބިތު ގައުމުތަކެއް ކަމަށެވެ. އަދި އިގްތިސާދުގެ އެންމެ މުހިންމު އިންޖީނަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް (އެސްއެމްއީ) ކަން ފާހަގަކުރައްވައި، ރަށްރަށުގެ ކުދި މާކެޓްތަކުން އުފަންވާ ހިޔާލުތަކަށްވެސް ބައިނަލްއަގުވާމީ މާކެޓްތަކަށް ވާސިލުވެވޭނެ މަގު ފަހިކޮށްދޭންޖެހޭ ކަމަށް ވިދާޅުވިއެވެ.

މިކަމަށްޓަކައި މިއަހަރަކީ "އުފެއްދުންތެރިކަމުގެ އަހަރު" ގެ ގޮތުގައި ކަނޑައަޅައި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ހާއްސަ ސަމާލުކަމެއް ދެމުންދާކަން ރައީސް ފާހަގަކުރެއްވިއެވެ. އެގޮތުން، އަލަށް ފަށާ ވިޔަފާރިތަކަށް ހާއްސަކޮށްގެން 6.5 މިލިއަން ޑޮލަރުގެ ލޯނު ސްކީމެއް ތައާރަފުކޮށް، އޭގެ ތެރެއިން ބޮޑު ބައެއް އަންހެނުން އިސްވެ ހިންގާ 200 އެއްހާ ވިޔަފާރިއަކަށް ފޯރުކޮށްދީފައިވާ ކަމަށާއި، ޒުވާން ވިޔަފާރިވެރިންނަށް ހާއްސަކޮށްގެން 65 މިލިއަން ޑޮލަރުގެ "ޔޫތު އެންޓަޕްރިނިއާ ފައިނޭންސިން ފަންޑު" އެއް ގާއިމުކުރެވިފައިވާކަން އެމަނިކުފާނު ވިދާޅުވިއެވެ. މީގެއިތުރުން، ބައެއް ދާއިރާތައް ހަމައެކަނި ދިވެހިންނަށް ހާއްސަކޮށް، އައު ފޮރިން އިންވެސްޓްމަންޓް ގާނޫނުގެ ދަށުން ބޭރުގެ އިންވެސްޓްމަންޓްތަކަށް ސާފު އޮނިގަނޑެއް އެކުލަވާލާފައިވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް މައުލޫމާތު ދެއްވި ގޮތުގައި، 2030 ވަނަ އަހަރާ ހަމައަށްދާއިރު ޑިޖިޓަލް އަދި ކްރިއޭޓިވް އިގްތިސާދުގެ ހިއްސާ ޖީޑީޕީގެ 15 އިންސައްތައަށް އިތުރުކުރުމަށް ސަރުކާރުން ދަނީ ރާވަމުންނެވެ. މިގޮތުން، އުފެއްދުންތެރިންގެ ހުނަރު ދައްކާލުމަށް އަންނަ އޮކްޓޫބަރު މަހު "މޯލްޑިވްސް އެކްސްޕޯ" ގެ ދެވަނަ އެޑިޝަން ބޭއްވުމަށް ތާވަލުކުރެވިފައިވާއިރު، އަންނަ އަހަރުގެ ޖެނުއަރީ 1 ގައި ރާއްޖޭގެ ފުރަތަމަ "ޓްރޭޑް އެކްސެލެރޭޝަން ޒޯން" ގާއިމުކުރުމުގެ މަސައްކަތް ކުރިއަށްދާކަން ރައީސް ފާހަގަކުރެއްވިއެވެ.



