ދިވެހިރާއްޖޭގައި އިޔާދަކުރަނިވި ހަކަތަ އުފެއްދުމަށް ޤާއިމުކުރަމުންދާ ނިޒާމުތައް ހިންގުމާއި ބެލެހެއްޓުމުގެ ދާއިރާއިން ދިވެހި މުވައްޒަފުންގެ ޤާބިލުކަން އިތުރުކުރުމަށްޓަކައި ޚާއްޞަ ތަމްރީނު ޕްރޮގްރާމެއް ފަށައިފިއެވެ. މި ތަމްރީނު ޕްރޮގްރާމަކީ ރަށްރަށުގައި އަލަށް ޤާއިމުކޮށްފައިވާ ޑީސަލް، ސޯލާ ޕީވީ އަދި ބެޓެރީ ހައިބްރިޑް ސިސްޓަމްތައް އަމަލީ ގޮތުން ހިންގާނެ ގޮތުގެ ހުނަރުތައް ދަސްކޮށްދިނުމަށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމުގެ ދަށުން ފުރަތަމަ ބުރުގައި ތަމްރީނު ދިނުމަށް ހަމަޖެހިފައިވަނީ ރ. އަތޮޅާއި ބ. އަތޮޅުގެ ރަށްރަށުގެ އިންޖީނުގެތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށެވެ. އެ އަތޮޅުތަކުގެ ބްރާންޗްތަކުގެ މުވައްޒަފުންގެ އިތުރުން، ސްޓެލްކޯ އަދި ފެނަކަ ކޯޕަރޭޝަންގެ ހެޑް އޮފީހުގެ ފަންނީ ޓީމުތަކުން ވެސް މި ތަމްރީނުތަކުގައި އަމަލީ ގޮތުން ބައިވެރިވަމުންދެއެވެ.
މި ތަމްރީނުތަކުގެ މައިގަނޑު ބޭނުމަކީ ރާއްޖޭގެ ރަށްރަށުގައި ގާއިމުކުރާ ތިމާވެއްޓާ ރައްޓެހި ހަކަތައިގެ ނިޒާމުތައް ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމުގެ ފަންނީ ހުނަރުވެރިކަން ދިވެހިންގެ ކިބައިގައި އަށަގެންނެވުމެވެ. މީގެ އިތުރުން، މިފަދަ ޕްރޮގްރާމްތަކުގެ ސަބަބުން ރާއްޖޭގެ ހަކަތައިގެ ސިނާއަތުގައި މަސައްކަތްކުރާ ދިވެހި ފަންނުވެރިންގެ ނިސްބަތް އިތުރުވެގެންދާނެއެވެ.
މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީއާއި ގުޅުންހުރި އިދާރާތަކުން އިސްނަގައިގެން ކުރިއަށްގެންދާ މި މަސައްކަތަކީ، ރާއްޖޭގައި ބޭނުންކުރާ ކަރަންޓުގެ ބޮޑު ބައެއް އިއާދަކުރަނިވި ހަކަތައަށް ބަދަލުކުރުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތަށް އެހީތެރިވެދޭނެ މުހިންމު ހަރަކާތެކެވެ.



