އެމްއެންޑީއެފްގެ ސްޕެޝަލް ފޯސަސްއަށް ބޭނުންވާ ޕެރަޝޫޓް ޖަމްޕް (އެއާބޯން) ތަމްރީނުތައް ރާއްޖޭގައި ފުރިހަމަކުރެވޭނެ މަގުފަހިކުރުމަށްޓަކައި ޑިފެންސް މިނިސްޓަރު ވަނީ އައިލެންޑް އޭވިއޭޝަން ސާވިސް (އައިއޭއެސް) ގެ އިސްވެރިންނާ ބައްދަލުކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި އެމްއެންޑީއެފްގެ އެއާބޯން ތަމްރީންތަކާއި ހާއްސަ އޮޕަރޭޝަންތަކަށް ބޭނުންވާ ވައިގެ ވަސީލަތްތައް ފޯރުކޮށްދިނުމާ ގުޅޭގޮތުންނާއި، އައިލެންޑް އޭވިއޭޝަނާ ގުޅިގެން ރާއްޖޭގެ ވައިގެ ސަރަޙައްދުގައި ސިފައިންގެ ތަމްރީނުތައް ކުރިއަށްގެންދެވޭނެ ގޮތްތަކާ ބެހޭގޮތުން ވަނީ މަޝްވަރާކުރެވިފައެވެ.
މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒު، ދިވެހި އަސްކަރިއްޔާގެ ގާބިލުކަން އިތުރުކުރެއްވުމަށާއި އެއާބޯން އޮޕަރޭޝަންތަކަށް ބޭނުންވާ އާ ވަސީލަތްތައް ހޯއްދަވައިދެއްވުމަށް ކުރައްވަމުންދާ މަސައްކަތްޕުޅުތަކުގެ ތެރެއިން ކުރިއަށްދިޔަ ބައްދަލުކުރެއްވުމެކެވެ.




