ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ރާއްޖެ އެތެރެކުރި އިލެކްޓްރިކް ސައިކަލުތަކެއްގެ ފޮޓޯތަކެއް ނަގައި، ސޯޝަލް މީޑިއާއަށް ލީކުކުރި ކަމުގެ ތުހުމަތުގައި ވަޒީފާއިން ވަކިކުރި މުވައްޒަފަށް އަނބުރާ ވަޒީފާ ދޭން ނުޖެހޭނެ ކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމައިފިއެވެ.
މި މައްސަލަ ބެލުމަށްފަހު ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމާފައިވަނީ އެ މުވައްޒަފު ވަޒީފާއިން ވަކިކޮށްފައިވަނީ އިޖުރާއަތްތަކާ އެއްގޮތަށް ކަމަށެވެ. އެހެންކަމުން އޭނާއަށް އަނބުރާ ވަޒީފާ ދިނުމަށާއި، ވަޒީފާއިން ވަކިކުރި މުއްދަތުގެ މުސާރައާއި އިނާޔަތްތައް ނަގައިދިނުމަށް ސްޓެލްކޯގެ މައްޗަށް އަމުރުކުރެވެން ނެތް ކަމަށް އެ އިދާރާގެ ނިންމުމުގައިވެއެވެ.
މި ހާދިސާ ހިނގާފައިވަނީ ސްޓެލްކޯއިން ރާއްޖެއަށް އަލަށް ތައާރަފުކުރަން ގެނައި އިލެކްޓްރިކް ސައިކަލުތަކެއްގެ ފޮޓޯތަކެއް، އެ ތަކެތި ރަސްމީކޮށް އާންމުކުރުމުގެ ކުރިން ސޯޝަލް މީޑިއާގައި ދައުރުވި މައްސަލައެއްގައެވެ. އެ ފޮޓޯތައް ލީކުކޮށްލި ކަމުގެ ތުހުމަތު ކުރެވުނީ އެ ކުންފުނީގެ މުވައްޒަފަކަށެވެ.
ކުންފުނީގެ ސިއްރުތައް ހިފެހެއްޓުމާއި މުވައްޒަފުން އަމަލުކުރަންޖެހޭ އިގުރާރުތަކާ ހިލާފުވުމުގެ ސަބަބުން އެ މުވައްޒަފު ވަޒީފާއިން ވަކިކުރަން ސްޓެލްކޯއިން ނިންމި ނިންމުމަކީ ރަނގަޅު ނިންމުމެއް ކަމަށް ޓްރައިބިއުނަލުން މިހާރު ވަނީ ކަނޑައަޅާފައެވެ.


