ރާއްޖޭގައި ފައިސާއިން މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިޞާބުގެ މިންވަރު މޯލްޑިވްސް ޒަކާތު ހައުސްއިން މިއަދު ދަށްކޮށްފިއެވެ. އެ އިދާރާއިން ހާމަކުރެއްވި ގޮތުގައި މިއަދުން ފެށިގެން މުދަލު ޒަކާތް ވާޖިބުވާ ނިޞާބަކީ 19،266.10 ރުފިޔާއެވެ.
މުދަލު ޒަކާތުގެ ނިޞާބަށް އެންމެ ފަހުން ބަދަލު ގެނެސްފައިވަނީ ނިމިދިޔަ އޭޕްރިލް މަހުގެ 21 ވަނަ ދުވަހުއެވެ. އޭރު މުދަލު ޒަކާތުގެ ނިޞާބުގެ ގޮތުގައި ކަނޑައަޅާފައިވަނީ 21،836.50 ރުފިޔާއެވެ. އެހެންކަމުން މިއަދު ގެނައި ބަދަލާއެކު މުދަލު ޒަކާތުގެ ނިޞާބުން ވަނީ 2،570.40 ރުފިޔާ ދަށްވެފައެވެ.
ރާއްޖޭގައި މުދަލު ޒަކާތުގެ ނިޞާބު ކަނޑައެޅުމުގައި ބަލަނީ ރިހީގެ އަގަށެވެ. ދުނިޔޭގެ ބާޒާރުގައި ރަނާއި ރިހީގެ އަގަށް އަންނަ ބަދަލުތަކާ ގުޅިގެން ރާއްޖޭގައި ވެސް ޒަކާތުގެ ނިޞާބަށް ބަދަލުތައް ގެންނަމުންދެއެވެ. ރާއްޖޭގެ ބާޒާރުގައި ރަނާއި ރިހި ލިބެން ހުންނަ އަގުތައް ހާމަކުރަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިންނެވެ. މުދަލު ޒަކާތަކީ އިސްލާމްދީނުގެ ފަރުޟުތަކުގެ ތެރެއިން ހިމެނޭ މުހިންމު ރުކުނެކެވެ. ތިމާގެ މިލްކިއްޔާތުގައި ނިޞާބު ހަމަވާ މިންވަރަށް ފައިސާ ހުރެ، އެ ފައިސާ ހުންނަތާ ހިޖުރީ ގޮތުން އެއް އަހަރު ފުރިހަމަވުމުން، އޭގެ ސާޅީސްބައިކުޅަ އެއްބައި ނުވަތަ 2.5 އިންސައްތަ ޒަކާތުގެ ގޮތުގައި ނެރުން ޝަރުޢީ ގޮތުން ވާޖިބުވެގެންވެއެވެ.


