އދ. ދަނގެތި ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން ބޭރުތޮށި ލުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.
އެމްޓީސީސީން މައުލޫމާތު ދޭ ގޮތުގައި، ބޭރުތޮށި ލުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށްދާއިރު، ބަނދަރުގެ ކުއޭ ވޯލް ބްލޮކް ހަރުކުރުމުގެ މަސައްކަތް މިހާރު ވަނީ އެއްކޮށް ނިމިފައެވެ.
ޖުމްލަ 71.16 މިލިއަން ރުފިޔާގެ މި މަޝްރޫޢުގެ ދަށުން ބޮޑެތި މަސައްކަތްތަކެއް ކުރުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން 35,500 ކިއުބިކް މީޓަރުގެ ބިން ހިއްކުމާއި، ބަނދަރާއި ނެރު އަދި ފަތާ ސަރަޙައްދު ފުންކުރުމުގެ މަސައްކަތް ހިމެނެއެވެ.
މީގެއިތުރުން 675 މީޓަރުގެ ރިވެޓްމެންޓް ޖެހުމާއި، 389 މީޓަރުގެ އެއްގަމު ތޮށި ލުމުގެ އިތުރުން ކޮންކްރީޓް ބްރިޖަކާއި ރޭމްޕެއް އެޅުމާއި، ޕޭވްމެންޓް ހެދުމުގެ އިތުރުން މަގުބައްތިއާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތްވެސް މި މަޝްރޫޢުގެ ތެރެއިން ކުރިއަށްދާނެއެވެ.




