ދިވެހިރާއްޖޭގައި ކަނޑައަޅާފައިވާ ރަސްމީ ރޭޓާ ޚިލާފަށް ކަޅުބާޒާރުގައި އެމެރިކާ ޑޮލަރު ވިއްކާ އަގުތައް އާންމުކޮށް ރިޕޯޓުކުރުމާއި އިޝްތިހާރު ކުރުމަކީ ކުށެއް ކަމަށް ކަނޑައަޅައި، އެފަދަ އަމަލުތައް ހިންގާ ފަރާތްތައް ބައި މިލިއަން ނުވަތަ 5 ލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭ ގޮތަށް ބޭރު ފައިސާއާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގައި ހިމަނައިފިއެވެ.
ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބޭރު ފައިސާއާ ބެހޭ ބިލުގައިވާ ގޮތުން، ރާއްޖޭގައި ބޭރު ފައިސާ ގަނެ ވިއްކުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ކަނޑައަޅާފައިވާ ރަސްމީ ރޭޓަށް ވުރެ ބޮޑު އަގުގައި މުއާމަލާތް ކުރުމަކީ މަނާކަމެކެވެ. އަދި އެފަދަ ނުރަސްމީ އަގުތައް ނުވަތަ ކަޅުބާޒާރުގެ އަގުތައް މީޑިއާތަކުގައްޔާއި އާންމު ވަސީލަތްތަކުގައި ޝާއިއުކޮށް ރިޕޯޓުކުރުމަކީ ބޮޑު ޖޫރިމަނާއެއް އަންނާނެ ކަމެކެވެ.
މި އިސްލާހުގެ ދަށުން، ރަސްމީ ރޭޓާ ޚިލާފަށް ބޭރު ފައިސާ ގަނެ ވިއްކާ އަގުތައް އިޝްތިހާރު ކުރުމާއި، އެފަދަ އަގުތަކުގެ ޚަބަރުތައް ފެތުރުމަކީ މަނާކަމެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ. މި މާއްދާއާ ޚިލާފުވާ ފަރާތްތައް 5 ލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރުމުގެ ބާރު ކަމާބެހޭ އިދާރާތަކަށް ލިބިގެންވެއެވެ. މި ބިލަކީ ރާއްޖޭގެ ބާޒާރުގައި ޑޮލަރުގެ ކަޅުބާޒާރު ކޮންޓްރޯލްކޮށް، ރަސްމީ ބޭންކިން ނިޒާމުގެ ތެރެއަށް ބޭރު ފައިސާ ވެއްދުމަށްޓަކައި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހުށަހެޅި ބިލެކެވެ. މި ބިލު ގާނޫނަކަށް ވެގެންދިއުމުން، ބޭރު ފައިސާގެ މުއާމަލާތްތައް ހަރުދަނާ އުސޫލެއްގެ ދަށުން ބެލެހެއްޓިގެންދާނެއެވެ.


