ވިލިމާލޭ އިންޑަސްޓްރިއަލް ޒޯން ސަރަހައްދުގައި ސާފުތާހިރުކަން ކުޑަކޮށް ކާބޯތަކެތި ގެންގުޅޭ މައްސަލައެއްގައި، އެކަން އިސްލާހުކުރުމަށް އެ ތަނުގެ ވެރިފަރާތަށް ވަނީ އަންގައިފައެވެ.
މާލޭ ސިޓީ ކައުންސިލުން މައުލޫމާތު ދިން ގޮތުގައި، އެ ސަރަހައްދުގައި ވަޅޯމަސް ތައްޔާރުކުރާ ބައެއް ފަރާތްތަކުން ބިންމަތީގައި ސަތަރިއާއި ޓިނުގަނޑު އަޅައިގެން މަސް ހިއްކަން ބަހައްޓާފައި ހުރިކަން ފާހަގަވީ ވިލިމާލެ ކޮމިއުނިޓީ އެންގޭޖްމެންޓް ޔުނިޓުން ރަށުތެރެ ބަލަހައްޓަމުން ދަނިކޮށެވެ.
މިކަން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އަށް ހުށަހެޅުމަށްފަހު، ދެ އިދާރާ ގުޅިގެން ވަނީ އެ ތަންތަން އިންސްޕެކްޓްކޮށް، ފާހަގަވި ކަންކަން އިސްލާހުކުރުމަށް އަންގައިފައެވެ.
ސާފުތާހިރުކަން ކުޑަކޮށް ކާބޯތަކެތި ތައްޔާރުކޮށް ގެންގުޅުމަކީ މަނާކަމެއް ކަމަށްވާތީ، އެފަދަ ގޮތްގޮތަށް މަސް ތައްޔާރުނުކުރުމަށް ސިޓީ ކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ. މާލެ ސަރަހައްދުގައި ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނުގެ ސާފުތާހިރުކަން ބެލުމަށް އިދާރާތައް ގުޅިގެން ދޭތެރެދޭތެރެއިން އިންސްޕެކްޝަންތައް ހިންގަމުންދާއިރު، ސާފުތާހިރުކަން ކުޑަ ތަންތަން ބަންދުކޮށް ނޯޓިސް ދެއެވެ. އަދި އެފަދަ ތަންތަން އަލުން ހުޅުވޭނީ އަންގާ ކަންކަން ފުރިހަމައަށް އިސްލާހުކުރުމުންނެވެ.



