ޤައުމީ އެއްވެސް ޓީމެއްގައި ބައިވެރިވެވޭނީ ދުންފަތުގެ އިސްތިއުމާލުކުރުމާ އެއްކޮށް ދުރުވެފައި ތިބި އެތުލީޓުންނަށް ހެދުމުގެ އަމާޒު ހާސިލުކުރުމަށްޓަކައި ޚާއްޞަ ފިޔަވަޅުތަކެއް ކަނޑައެޅުއްވުމަށް ވަޒީރުންގެ މަޖިލީހުން ވަނީ ނިންމަވައިފައެވެ.
މި ނިންމެވުން ނިންމެވީ ދުންފަތާއި ނިކޮޓިންގެ ނުރައްކަލާމެދު އާންމުން ހޭލުންތެރިކުރުމަށާއި، "ޖެނެރޭޝަނަލް ބޭން" ތަންފީޒުކުރުމާ ގުޅޭގޮތުން އަދި ސަރުކާރުން ކުރިއަށްގެންދާ އެހެނިހެން މުހިންމު މަޝްރޫޢުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައެވެ.
މީގެއިތުރުން، ރަށްރަށުގައި ތިއްބަވާ ޔޫތު އެސޯސިއޭޓުންނާއި ކުޅިވަރުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ބައިވެރިވުމާއެކު ދުންފަތާއި ނިކޮޓިންގެ ނުރައްކަލާމެދު ހޭލުންތެރިކުރުމުގެ ޤައުމީ ކެމްޕޭން ފުޅާކުރުމަށްވެސް ވަޒީރުންގެ މަޖިލީހުން ވަނީ ނިންމަވައިފައެވެ. އަދި ދުންފަތާއި ނިކޮޓިންގެ ނުރައްކަލާމެދު ހޭލުންތެރިކުރުމުގެ ޤައުމީ ކެމްޕޭން ކުރިއަށްގެންދިއުމާއި، ސިނގިރޭޓުގެ އިމްޕޯޓު ޑިއުޓީ ރޭޓުތައް މުރާޖައާކުރުމާ ގުޅޭގޮތުން އެކުލަވާލައްވާފައިވާ ސަބް-ކޮމިޓީން ވަނީ އެ ކޮމިޓީގެ މަސައްކަތްތަކާ ގުޅޭ އެންމެ ފަހުގެ އަދާހަމަތައް ވަޒީރުންގެ މަޖިލީހާ ހިއްސާކުރައްވައިފައެވެ.



