ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ހާއްސަ އިސްކަމެއް ދީގެން, ކުޅުދުއްފުށި ސިޓީގައި ހިންގަމުންދާ އުމްރާނީ އަދި އިޖުތިމާއީ ތަރައްގީގެ މުހިންމު މަޝްރޫއުތަކުގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ބައްލަވާލެއްވުމަށް ކުންފުނީގެ އިސްވަފުދެއް އެ ސިޓީއަށް ޒިޔާރަތްކުރައްވައިފިއެވެ.
މި ދަތުރުފުޅުގައި އެ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ނަޡީމް އަދި އިސް މެނޭޖްމަންޓްގެ ޓީމެއް މިއަދު އެ ސިޓީއަށް ވަނީ ޒިޔާރަތް ކުރައްވައިފިއެވެ.

މި ދަތުރުފުޅުގެ ތެރެއިން އާރްޑީސީގެ މެނޭޖްމަންޓުން ވަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ ސީ.އީ.އޯ ނާޡިމާ ޢަލީ އަދި ޑެޕިއުޓީ ސީ.އީ.އޯ އަޙްމަދު ފާއިޒް ޙަސަންއާ ބައްދަލުކުރައްވައި، އެ ސިޓީގައި އެ ކޯޕަރޭޝަނުން އަލަށް އިމާރާތްކުރަމުންދާ ދަމަނަވެށީގެ މަސައްކަތްތައް ހިނގަމުންދާ ގޮތް ސައިޓަށް ވަޑައިގެން ބައްލަވާލައްވާފައެވެ.
ކުޅުދުއްފުށީގައި ސިއްހީ ހިދުމަތްތައް ފުޅާކޮށް، އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ނިޒާމު ހަރުދަނާކުރުމަށްޓަކައި ކުރިއަށްދާ ދަމަނަވެށީގެ އިމާރާތުގެ މަސައްކަތުގެ އިތުރުން، އާރްޑީސީން ދަނީ ކުޅުދުއްފުށި ސިޓީގެ އުމްރާނީ ވަސީލަތްތައް ތަރައްގީކުރުމަށް މުހިންމު އެކި މަޝްރޫއުތަކެއް ހިންގަމުންނެވެ. އެގޮތުން، ކުޅުދުއްފުށީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމާއި، ފެންބޮޑުވާ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމަށްޓަކައި ފެންހިންދާ ނިޒާމު ގާއިމުކުރުމުގެ ބޮޑު މަޝްރޫއުގެ މަސައްކަތްތައްވެސް އެ ކޯޕަރޭޝަނުން ދަނީ ބާރުސްޕީޑުގައި ކުރިއަށްގެންދަމުންނެވެ.
މި ދަތުރުފުޅުގައި އާރްޑީސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ނަޡީމް ވަނީ ސައިޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުންނާ ބައްދަލުކުރައްވައި، މަސައްކަތްތައް ނިންމުމަށް ކަނޑައެޅިފައިވާ ސުންގަޑިތަކަށް މަސައްކަތް ނިންމުމަށާއި، ފެންވަރު ރަނގަޅުކޮށް މަސައްކަތް ކުރިއަށްގެންދިއުމަށް އިރުޝާދު ދެއްވާފައެވެ. ސަރުކާރުން ކުޅުދުއްފުށީގެ ތަރައްގީއަށް ދެއްވާ ހާއްސަ ސަމާލުކަމުގެ ދަށުން، އާރްޑީސީން ހަވާލުވެފައިވާ އެންމެހައި މަޝްރޫއުތައް އަމާޒަށްވުރެ އަވަހަށް ނިންމައި ރައްޔިތުންނަށް އޭގެ މަންފާ ހޯދައިދިނުމަކީ އެ ކޯޕަރޭޝަންގެ އަމާޒެއް ކަމަށް އާރްޑީސީން ހާމަކުރެއެވެ.




