މާލެ ޓެކްސީ ލައިންގެ މޮބައިލް އެޕްލިކޭޝަންގެ ބެކްއެންޑް ޑޭޓާބޭސް ސިސްޓަމުގައި ހުރި މައުލޫމާތުތަކަށް ބަދަލު ގެނެސް، ސްކްރީންޝޮޓް ނަގައި މައުލޫމާތު ލީކުކުރި މުވައްޒަފުގެ މައްސަލަ ތަހުގީގުކުރުމަށް އެމްޓީސީސީން ފުލުހުންގެ އިދާރާއަށް ހުށަހަޅައިފިއެވެ.
އެމްޓީސީސީގެ އެތެރޭގެ ތަހުގީގުން އެނގިފައިވާ ގޮތުގައި، އެ މުވައްޒަފު އެކަން ކޮށްފައިވަނީ އެއްވެސް ހުއްދައެއް ނެތި، އަމިއްލަ ޒާތީ އަދި ސިޔާސީ މަގުސަދެއް ހާސިލުކުރުމުގެ ނިޔަތުގައެވެ.
ބެކްއެންޑް ސިސްޓަމަށް ބަދަލު ގެނައިކަން އައިސީޓީ ނެޓްވޯކް ސެކިއުރިޓީ ޓީމަށް ފާހަގަވުމާއެކު، ވަގުތުން ސިސްޓަމް ޝަޓްޑައުންކޮށް ސެކިއުރިޓީ ލޮކްޑައުންއަކަށް ގެންގޮސްފައިވާ ކަމަށް އެމްޓީސީސީން ބުނެއެވެ.
އަދި ކަސްޓަމަރުންނާއި ހިއްސާދާރުންގެ ހައްގުތައް ހިމާޔަތްކޮށް ރައްކާތެރިކުރުމަށްޓަކައި ކުރަންޖެހޭ ކޮންމެ ކަމެއް ކުރާނެ ކަމުގެ ޔަގީންކަން އެ ކުންފުނިން ވަނީ ދީފައެވެ.




