ގާފު ދާލު ފަރެސްމާތޮޑާއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމުގެ ގޮތުން، އެ ރަށުން 18 ހެކްޓަރުގެ ބިން ހިއްކުމުގެ އަމަލީ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ފަށައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެއްގެ ދަށުން ކުރިއަށްގެންދާ މި މަޝްރޫއަކީ، 2007 ވަނަ އަހަރު ފަރެސް އަދި މާތޮޑާ އެއްފަސްކުރި އިރު ދެ ރަށުގެ ދެމެދުން ނުހިއްކި އޮތް 15 ވަރަކަށް ހެކްޓަރުގެ ސަރަހައްދު ހިމެނޭހެން ބިން އިތުރުކުރުމަށް ހިންގާ މަޝްރޫއެކެވެ.

ޖުމްލަ 142.67 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހިންގާ މި މަޝްރޫއުގެ ދަށުން 18 ހެކްޓަރުގެ ބިން ހިއްކުމުގެ އިތުރުން، 620 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް 270 ދުވަސް ތެރޭގައި ނިންމުމަށް ވަނީ ހަމަޖެހިފައެވެ.
ފޭސްތަކަކަށް ބަހާލައިގެން ކުރިއަށްދާ މި މަޝްރޫއުގެ ސަބަބުން ރަށުގެ ބޯހިޔާވަހިކަމުގެ ދަތިކަމަށް ބޮޑު ލުޔެއް ލިބި، އިގްތިސާދީ ތަރައްގީއަށް ބޭނުންވާ އިތުރު ޖާގަ ތަނަވަސްވެގެންދާނެ ކަމަށް ސަރުކާރުން މަޢުލޫމާތުދެއެވެ.




